ރޯދަމަސް

ވަން ރެސިޕީ: ކުއްޅަވައް ފަނި

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކާނާއެވެ.

އެގޮތުން ކުއްޅަވައް ފަންޏަކީ ވެސް ވަރަށް މީރު ބުއިމެކެވެ.

ބޭނުންވާ ތަކެތި:

5 ކުއްޅަވައް (ފާވެފައި ހުރި)

8 ޖޯޑު ފެން

2 ޖޯޑު ހަކުރު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުއްޅަވައްކޮޅުގެ ވަކިތައް ނެއްޓުމަށްފަހު، ފެނުން ރަނގަޅަށް ދޮވެ ކުއްޅަވައްތައް ސާފުކޮށްލާށެވެ. އެއަށްފަހު ކުއްޅަވައް، ހަކުރު، ފެން މިކްސަރަށް އަޅައި ރަނގަޅަށް ގިރާށެވެ. ފޮނި ރަހަ ހެޔޮވަރުވުމުން ފުރޭނިން ފުރާނައިލުމަށްފަހު އައިސް އަލަމާރިއަށް ލާށެވެ. މިއީ ހަރަދު ކުޑަ މީރު އަދި ރޯދަ ވީއްލުމަށް ވަރަށް ރަނގަޅު ބުއިމެކެވެ.