މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން، ރަހީނުކުރަން މަސައްކަތް ކުރި އާދަމް އަތުހަރު، 32، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އޭނާ މަސައްކަތް ކުރީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލުމަށެވެ. އެ އަންހެން މީހާ ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެން މީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުން އަނިޔާވިއެވެ. ނަމަވެސް އޭރު ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލުމުން ހައްޔަރު ކުރިއެވެ. ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް، ހާލަތު އިތުރަށް ބެލުމަށްޓަކައި ރޭގެ ވަގުތެއްގައި އެޑްމިޓް ކުރިއެވެ.
އޭނާގެ ހާލު ރަނގަޅު ވުމުން މިއަދު ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ވަނީ ފުލުހުންގެ ހައްޔަރަށް އަނބުރާ ގެންގޮސްފައެވެ.
ފުލުހުން މިއަދު ބުނީ އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ. ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅީ އަތުހަރުގެ ޣައިރު ހާޒިރުގައެވެ.
ފުލުހުން ބުނީ އަތުހަރު ޑޮކްޓަރަށް ދެއްކުމަށްފަހު، މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓްތައް ނޯމަލް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ނާރުގެ ހާއްސަ ޑޮމްޓަރުއަކަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމާއި ރަނގަޅު ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ އައިސީޔޫގައި ފަރުވާދިނުމަށް، މިހާތަނަށް އެއްވެސް ޑޮކްޓަރަކު ރެކޮމެންޑް ކޮށްފައިނުވާ ކަމަށާއި އޭނާއަށް ފިޓް ޖެހުނު ކަމަށް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިއުމެއްގައި ބަޔާންކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.