ޚަބަރު

އަންހެނަކު ރަހީނުކުރުން: އަތުހަރުގެ މެޑިކަލް ޓެސްޓުތައް ނޯމަލް، ސީރިއަސް މައްސަލައެއް ނެތް

އިބްރާހިމް ޒަކީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނު ކުރި މީހާގެ ޓެސްޓްތައް ހެދުމަށްފަހު އޭނާގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، ބުރާސްފަތި ދުވަހު އަންހެނަކު ރަހީނުކުރި ށ. މިލަންދޫ ހެޕީ ލޭންޑް 32 އަހަރުގެ އާދަމް އަތުހަރު ޑޮކްޓަރަށް ދެއްކުމަށްފަހު، މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓްތައް ނޯމަލް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ނާރުގެ ހާއްސަ ޑޮމްޓަރުއަކަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމާއި ރަނގަޅު ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ އައިސީޔޫގައި ފަރުވާދިނުމަށް، މިހާތަނަށް އެއްވެސް ޑޮކްޓަރަކު ރެކޮމެންޑް ކޮށްފައިނުވާ ކަމަށާއި އޭނާއަށް ފިޓް ޖެހުނު ކަމަށް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިއުމެއްގައި ބަޔާންކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އެ އަންހެން މީހާ ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެން މީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުން އަނިޔާވިއެވެ. ނަމަވެސް އޭރު ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލުމުން ހައްޔަރު ކުރިއެވެ. ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް، ހާލަތު އިތުރަށް ބެލުމަށްޓަކައި ރޭގެ ވަގުތެއްގައި އެޑްމިޓް ކުރިއެވެ.

އޭނާގެ ހާލު ރަނގަޅު ވުމުން މިއަދު ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ވަނީ ފުލުހުންގެ ހައްޔަރަށް އަނބުރާ ގެންގޮސްފައެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހުށަހެޅުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅީ އަތުހަރުގެ ޣައިރު ހާޒިރުގައެވެ.