ޚަބަރު

މެލޭޝިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ފާތިމަތު ލިޔުޝާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މެލޭޝިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްތާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ދެ ބޭފުޅުންނަށް ރައީސް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި އޮތް ގުޅުމަކީ ދެ ގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި އެއްބައިވަންތަ އުސޫލުތަކާއި ރައްޔިތުންގެ މެދުގައިވާ ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވި ކަމަށެވެ.

ޒަމާނުއްސުރެ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ލާ ބައާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.