ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާއަށް އަނިޔާ ދިން ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑާ އެންޑް ފެމެލީ ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ށ. ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލައެއްގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާ ކަމަށާއި މި އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވެފައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި އައްސާފައި ހުރި ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.
ފޭދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާމިރު "ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ އަންހެން މީހާގެ ބޮލަށް ގޯނި މަހައި، ހޮޅިދަނޑީގައި އައްސާފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ކަމަށާއި އެކަންތައް ކުރިބަޔަކު އަދި ހޯދިފައި ނުވާ ކަމަށެވެ.