ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނެ ކަމަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ނަޒަރުގައި، އަދި އެމަނިކުފާނަށް ތަޖުރިބާ ކުރެވިފައި ހުރި ތަނުގައި އިބްރާހިމް ރިފްއަތަކީ ވަރަށްވެސް ނަޒާހާތްތެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ހިންގަވާފާނެ ކަމަށް އެއްގޮތަކަށްވެސް ގަބޫލުފުޅު ނުކުރެވޭ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ދާދީ ފަހުން ކޯޓުތަކުން ނިންމި ބައެއް މައްސަލަތަކުގައި ދައުލަތުން ބޮޑެތި ބަދަލުތަކެއް ދޭން ޖެހުމުން، ބައެއް ފަރާތަކުން ރިފްއަތުގެ މައްޗަށް ކޮރަޕްޝަން ތުހުމަތުތައް ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.
އެ ތުހުމަތުތަކާ ގުޅިގެން އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަން އަމަލުތަކުން ރައްޔިތުންގެ ހަޒާނާ ރައްކާތެރިކުރާނެ ކަމަށާއި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ.