މާފަންނުގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި ފިރިހެން މީހާ ހައްޔަރުކުރުމަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލި ފަހުން އަނެއްކާވެސް ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރީ އަހުމަދު އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ އެވެ. އޭނާއަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ހުކުމުގެ މުއްދަތު ލުއިކޮށް، 2022 ގައި ދޫކޮށްލާފައި ހުރި މީހެކެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ފިރިހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އޭނާ ދޫކޮށްލުމުން ހައްޔަރުކުރި ކަމަށެވެ. ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް، ހާލަތު އިތުރަށް ބެލުމަށްޓަކައި އެޑްމިޓް ކޮށްފައިވާ ކަމަށް ބުންޏެވެ.
އަހުތަރަށް އަނިޔާވީ، އޭނާ ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާދިނުމުންނެވެ. އެ ވަގުތު އަންހެން މީހާ ސަލާމަތްވި ނަމަވެސް އެ އަންހެން މީހާގެ ކަރުގައި ވަޅި އަޅަން އެ ވަގުތު އަތުހަރު މަސައްކަތް ކުރިއެވެ.