ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ފެންފޮޅިއާއި ރިހައޭ ބުނުމުން ކާހިތް ނުވާ ދިވެއްސަކު ވަރަށް މަދުވާނެއެވެ.
ފެންފޮޅިއަށް ބޭނުންވާ ތަކެތި:
1 ޖޯޑު ފުށް
1 ޖޯޑު ފެން
2 ބިސް
ބައި ޖޯޑު ކާށި ކިރު
ކުޑަ ލޮނުކޮޅެއް، ބޭނުން ނަމަ ކުލަ ހިފާ ވަރަށް ރީނދޫކޮޅެއް ލެވިދާނެއެވެ.
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ މިކްސަރަށް ފެން ފޮދު އަޅާށެވެ. އެއަށްފަހު ފުށް، ބިސް، ލޮނު، އެޅުމަށްފަހު މިކްސަރުން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފުށްގަނޑު ތައްޓަކަށް އެޅުމަށްފަހު ކާށި ކިރު އަޅައިގެން ސަމުސަލުން އެއްކޮށްލާށެވެ. ފުށްގަނޑު ހުންނަންވާނީ ފޮޅި ފިހެވޭ ވަރަށް މެދު މިނުގައެވެ. ތަވާގައި ތެޔޮފޮދެއް އުނގުޅުމަށްފަހު ފަހަރަކު ފޮޅިއެއް ފިހާށެވެ. ފެންފޮޅި ކާނީ ރިހައާއި އެކުގައެވެ. ބައެއް މީހުންނަށް ފެންފޮޅި ކާން އެންމެ ކަމުދަނީ ހިކިރިހައާއެކުގައެވެ.
ހިކި ރިހަ ތައްޔާރުކުރާނެ ގޮތް:
2 ގަނޑު ވަޅޯމަސް
1 ޖޯޑު ފުނޑި ހަވާދު (ދިވެހި ހަވާދު)
2 ޓޮމާޓޯ (ކޮށާފައި)
1 ކެޕްސިކަމް (ކޮށާފައި)
2 ހިކި މިރުސް
1 ގިތެޔޮ މިރުސް
2 ފިޔާ (ކޮށާފައި)
1 ޖޯޑު ކާށި ކިރު
3 ލޮނުމެދު (ގާނާފައި)
1 އިންޗި އިނގުރު (ގާނާފައި)
3 ކާފޫރުތޮޅި
1 އިންޗި ހުންނަ ވަރުގެ ފޮނިތޮށި
ހިކަނދިފަތް، ރާނބާފަތް
ލޮނު
ތައްޔާރުކުރާނެ ގޮތް:
މަސްކޮޅު ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް ކުޑަ ތެޔޮފޮދެއް އަޅައި، އޭގެ ތެރެއަށް ފިޔާ، ޓޮމާޓޯ، ކެޕްސިކަމް، ހިކަނދިފަތް، ރާނބާފަތް، ގިތެޔޮ މިރުހުން އެތިކޮޅެއް، ހިކި މިރުސް، އަޅައިގެން ފިޔާކޮޅު މޯޅިވަންދެން ދޭފަތުން ހާކާށެވެ.
މޯޅިވުމުން ތެލީގައި ހުރި އެއްޗިހީގެ 2/1 ބައި ނެގުމަށްފަހު ކާށި ކިރު ޖޯޑަށް އަޅައިލާށެވެ. ނަގާއިރު ޓޮމާޓޯކޮޅާއި ރާނބާފަތްކޮޅު ތެލީގައި ބަހައްޓާށެވެ. ދެން ތެލީގައި ހުރި ފިޔާކޮޅުގެ ތެރެއަށް ހަވާދު، ގިތެޔޮ މިރުސް، ކާފޫރުތޮޅި، ފޮނިތޮށި، ލޮނު އަޅައި، ބަހައްޓަން ބޭނުންވާ މިނަށް ފެން އަޅައިގެން ހަވާދުގަނޑު އެއްކޮށްލާށެވެ. އެއަށްފަހު އިނގުރު، ލޮނުމެދު، ކޮށާފައި ހުރި މަސްކޮޅު އަޅައިގެން ރަނގަޅަށް ކައްކާށެވެ. ކެކުނީމަ ލޮނު ހެޔޮވަރުކުރުމަށްފަހު ކިރު ޖޯޑު އަޅައިލާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ރަނގަޅަށް ދޭފަތުން ހާކައި އެއްކޮށްލާށެވެ.
ރިހަތެލި ދިޔާކުރަން ބޭނުން ނަމަ، ބޭނުންވާ މިނަށް ފެން އެޅުމަށްފަހު ލޮނު ހެޔޮވަރު ކުރާށެވެ.