ސިނަމާލެ ބުރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކާއި އެއް އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް، ހައިވޭ ރާޑަރު ކައިރިން ފެންސްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިރޭ 6:44 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 46 އަހަރުގެ ފިރިހެން މީހާގެ ދަތްދޮޅިއާއި ދެ ކަކޫ އަދި އުޅަނބޮށިން މަށައިގެން ގޮސްފައިވާ ކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ސައިކަލުގައި އިން އެއް އަހަރާއި ނުވަ މަހުގެ ކުއްޖާގެ ބޮލުގެ ކަނާތު ފަރާތުން ތިން އިންޗި ހުންނަ ވަރު ތަންކޮޅެއް ކަފައިގެން ގޮސްފައިވާ ކަމަށާއި އެ ކުއްޖާގެ ސީޓީ ސްކޭނެއް ހެދުމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ސައިކަލް ދުއްވަން އިން މީހާއާއި ކުޑަކުއްޖާ އިނީ ހެލްމެޓް އަޅައި، ބެލްޓު ވެސް އަޅައިގެން ކަމަށާއި ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.