ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަންގެ ތެރެއިން ވިސާ ފުރިހަމަ ނޫން 270 އަށްވުރެ ގިނަ ބިދޭސީންނަށް ނޯޓިސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިއްޔެ ހަވީރު ހަތަރަކުން ހައަކަށް މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮޕަރޭޝަނުގައި ޖުމުލަ 582 ތަނެއް ބަލައި ފާސްކޮށް 1،025 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށްވެސް ލިޔުމުން ނަސޭހަތް ދީފައިވާއިރު، ފިލައިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވާ 10 ބިދޭސީއަކު އަތުލައިގަނެފައިވާ ކަމަށްވެސް ބުންޏެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ އެ އިދާރާގެ 74 އަހަރުވީ ދިގު ތާރީހުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެގެން ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިން ހޯދުމަށް ހިންގާ އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްލައިފައެވެ.