ޚަބަރު

އެމްއޭސީއެލްގެ ފިއުލް ސާވިސަސް އިން އިންހައުސް ތަމްރީނުތައް ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން-ހައުސް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ، އޮޕަރޭޝަނަލް ޓީމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތާއި ހުނަރު ދަސްކޮށްދިނުމަށް ރާވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ތަމްރީނުތައް އަމާޒުކޮށްފައިވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު-ޕްލޭން އޮޕަރޭޝަންސް ދާއިރާތަކަށް ކަމަށެވެ. އަދި ޑިޕޯ އޮޕަރޭޝަންސް އަދި މެއިންޓެނަންސް ދާއިރާތަކުގެ ތަމްރީންތައް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.

މި ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކެކެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް، ފިއުލް ސާވިސަސްގައި މަސައްކަތްކުރާ ތަޖުރިބާކާރު ސީނިއާ މުވައްޒަފުންނެވެ.

އެމްއޭސީއެލް އިން ބުނީ، އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓުން މި ޕްރޮގްރާމްތައް ފާސްކޮށްފައިވަނީ ޕްރޮގްރާމްގައި ބޭނުންކުރާ މެނުއަލްތަކާއި ތަމްރީނުދޭ ފަރާތްތައް، ކޮލިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ.

އެއާއެކު އެމްއޭސީއެލްގެ ފިއުލް ސާވިސަސްގައި ދެވޭ ތަމްރީންތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް އޮޕަރޭޝަނަށް ބޭނުންވާ ގޮތައް ބައްޓަން ކުރެވިގެން ކުރިއަށްގެންދާ ތަމްރީންތަކަކަށް ވެގެންދާނެ ކަމަށް ބުންޏެވެ.

މި ތަމްރީން ޕްރޮގްރާމްތައް ފެށުމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވަނީ ފިއުލް ފާމަށް ޒިޔާރަތްކޮށް ތަމްރީންތައް ކުރިއަށްގެންދާ ގޮތް ބައްލަވާލައްވައި މުވައްޒަފުންނާއި ޕްލޭނަރުންނަށް ހިތްވަރު ދެއްވައިފައެވެ.

އެމްއޭސީއެލް އިން ބުނީ، މިއީ އެ ކުންފުނީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް މެނޭޖްމެންޓުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް ޕްރޮގްރާމް ކަމަށާއި އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެއާލައިންތަކާއި ފަސިންޖަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ޒަމާނީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.