މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެދި އެ ސުކޫލުގެ ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް، މަޖީދިއްޔާގެ ހެނދުނާއި މެންދުރުފަހުގެ ދަންފަޅީގެ ގިނަ ބެލެނިވެރިންތަކެއް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގުއަށް ފޮނުވައިފައިވާ 13 ސަފުހާގެ މި ޕެޓިޝަންގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ މައިގަނޑު 35 ކަމެއް ފާހަގަކޮށްފައިވެއެވެ.
އެ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިޔުމާއި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ހިންގައިފައިވާ ޖަރީމާތަކެއް ވެސް ފާހަގަކޮށްފައިވެއެވެ.
މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު ހުންނަވާތާ އަށް އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ އެ ސްކޫލަށް ހިދުމަތް ކުރައްވާތާ 15 އަހަރު ވަނީ ވެފައެވެ.
އެ ޕެޓިޝަނުގައި ވަނީ، ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލް ވަކިކުރައްވައި ވީ އެންމެ އަވަހަށް އެ މަގާމުތަކަށް އިތުރު ބަޔަކު ހަމަޖެއްސުމަށް އެދިފައެވެ.
ޕެޓިޝަނާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ހޯދުމަށް "ވަން" އިން އެ މިނިސްޓްރީގެ މީޑިއާ އޮފިސަރަށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބެއް ދެއްވާފައިނުވާތީ، އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެކިއެކި މަސްދަރުތަކުންވެސް ވަނީ އެކަމާ ގުޅޭ މައުލޫމާތެއް ލިބޭ ގޮތްނުވެފައެވެ.