ޚަބަރު

ގައިދީންގެ ރިހެބިލިޓޭޝަންގެ މުއްދަތު ހުކުމުން އުނިކޮށްދޭން ނިންމައިފި

ޖަލުތަކުގައި ހުކުމް ތަންފީޒު ކުރާ ގައިދީން ރިހެބިލިޓޭޝަން ބައިވެރިވެ އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ މީހެއްގެ ހުކުމުގެ ބާކީ އޮތް މުއްދަތުން އުނިވާނެ ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

މާފުށީގައި ޖަލުގައި "ދިވެހި ސަގާފީ ގޯތި" ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ގައިދީން ރިހެބިލިޓޭޓް ކުރުމުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ގައުމިއްޔަތާއި ސަގާފަތް ހިމަނައިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގައިދީންނަކީ ހަމައެކަނި "ތޭރިތަކުގައި ބަންދުކޮށްގެން" ގެންގުޅޭ ބަޔަކަށް ހެދުމަކީ ވިސްނުމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ނިންމާފައި ވަނީ، މުޖުތަމައަށް އަނބުރާ އެ ގައިދީން ނުކުންނަން ވާއިރަށް މަސައްކަތްތެރި ބަޔަށް އެ މީހުން ހެދުން ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުމް ކަނޑައަޅާފައިވާ އާ ސިޔާސަތެއް އެއީ، ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގައިދީއަކީ، އެ މީހާ (ކޮންމެ ދާއިރާއަކުން) ވިޔަސް މަސައްކަތް އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އެއް ދުވަސް ކެނޑޭނެ ދުވަހެއްގެ ގޮތުގައި (ހަމަޖެއްސެވުން)،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ބަދަލު ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، "ދިވެހި ސަގާފީ ގޯތީ" ގައި ކުރެވޭ މަސައްކަތްތަކުން ލިބޭ އާމްދަނީގެ ބައެއް ގައިދީންނަށް ލިބޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށެވެ.

މާފުށީ ޖަލުގައި މިއަދު ހުޅުވި "ދިވެހި ސަގާފީ ގޯތިން" އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހުރިހާ މަސައްކަތަކާއި ސަގާފީ ގިނަ މަސައްކަތްތައް ދަސްކޮށްދޭނެއެވެ.