ރޯދަމަސް

ވަން ރެސިޕީ: ސާގު ބޮނޑިބަތް

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.

އެގޮތުން ސާގު ބޮނޑިބަތަކީ މިހާރުވެސް ދިވެހިންގެ ތެރޭގައި ވަރަސް މަޝްހޫރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ސާގު

6 ޖޯޑު ފެން

1 ދަޅު ގެރިކިރު

1 ޖޯޑު ހަކުރު

1 އިންޗީގެ 6 ރާނބާފަތްކޮޅު

ބައި ޖޯޑު މާފެން

1 އިންޗި ހުންނަވަރުގެ 2 ފޮނިތޮށިކޮޅު

4 ކާފޫރު ތޮޅި (ދެކޮޅުން ބުރިކޮށްފައި)

ކުލަ (ބޭނުންވާ ކުލައެއް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔެއްގައި 6 ޖޯޑު ފެން އުނދުންމައްޗަށް އުދާށެވެ. ފެންފޮދު ރަނގަޅަށް ކެކެން ފެށީމަ ދޭފަތުން ހާކަމުން ސާގުކޮޅު އަޅައިލާށެވެ. ސާގު ފުށްތަކުގެ އެތެރެއިން ލޮލުގެ ކޮއި ގޮތަށް ފެންނަން އޮންނަ ބައި އެއްކޮށް މަޑު ނުވަނީސް، ތެލި ބާލާށެވެ. ދެން ތެލި ތެރޭގައި ހުރި ސާގުކޮޅުތެރެއަށް ހިހޫ ފެން އަޅައިގެން ރަނގަޅަށް ދޮވެ، ސާގުގައި ހުންނަ ތާން ގަނޑު ދުއްވައިލާށެވެ. ތާންގަނޑު ފިލުމުން ސާގުތައް އަޑިއަށް ގޮސް ފެންގަނޑުގައި ހުރި ފުސްކަން ފިލައި ސާފުވާނެއެވެ. އެއަށްފަހު ތެލި އަރިކޮށް ފެންހުސްކުރުމަށްފަހު ސާގުކޮޅު ތެރެއަށް ހަކުރު، ފޮނިތޮށި، ކާފޫރުތޮޅި، ރާނބާފަތް އަޅައިގެން ކައްކާށެވެ. ކައްކާއިރު މަޑުގިނީގައި ކައްކަން ހަނދާންކުރާށެވެ. ހަކުރާ ސާގުތައް އެކުވެ ދޭފަތާއި ކައިރިއަށް ޖެހެން ފެށުމުން ގެރިކިރު އެޅުމަށްފަހު 3 މިނެޓެއްހާއިރު ކައްކައިލާށެވެ. ގެރިކިރު އަޅާފައި ރަހަ ހެޔޮވަރުކުރާށެވެ. ބާލަން ވީމަ މާފެން އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.