ޚަބަރު

ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން: ޝަހީމް

ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިގޮތަށް ވިދާޅުވީ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ، ފުލުހުން އިއްޔެ ދެ އަންހެނަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ބަޑިކުޅިމާގެ، އާއިޝަތު ޝާދިޔާ (47އ) އަދި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރު ފަހު 1:00 އެހާކަންހާއިރެވެ.

އެ ދެ އަންހެނުންނަކީ ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުން އަންނަ ދެ އަންހެނުންނެވެ. އޭގެ ތެރެއިން ޝާދިޔާއަކީ ޝައިހް ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުންނެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތައް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި، ސަފީރާއި އޭނާގެ އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.

"ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން،" ޝަހީމް ވިދާޅުވިއެވެ.

ފުލުހުން ރޭ ބުނީ އެ މީހުންނަށް ކުރާ ތުހުމަތަކީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލަވައި، ބޭއަދަބީ ބަހުން މުއާމަލާތް ކުރުމުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރުން ކަމަށެވެ.

އޭގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިއުމާއި އެކަމާ ގުޅިގެން ސުލްހަވެރިކަމާ އެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން، އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުވެސް ކުރެއެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރުމުގެ ކުރިން އެފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.