ޚަބަރު

ރަޝިޔާއާ ގުޅުވައިގެން މައުމޫން ކުރެއްވި ޕޯސްޓަށް ސަފީރުގެ ނުރުހުން

ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކްސްގައި ކުރެއްވި ޕޯސްޓަށް ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު ނުރުހުން ފާޅުކުރައްވައިފިއެވެ.

މައުމޫން އެކްސްގައި މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ބީބީސީއާ ހަވާލާދެއްވައި ވިދާޅުވެފައިވަނީ، މިދިޔަ ދެ ރޭގައިވެސް، ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި ނަމަވެސް އދ. އިން އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށެވެ.

"އދ.ގެ ސަލާމަތީ މަޖިލީސް އަދިވެސް އެބައޮތް ހެއްޔެވެ؟" މައުމޫނު ސުވާލު އުފައްދަވާފައިވެއެވެ.

ރައީސް މައުމޫންގެ އެ ޕޯސްޓަށް ރައްދު ދެއްވައި ރަޝިޔާ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ޔޫކްރޭންއާ ރަޝިއާއާ ދެމެދު އަސްކަރީ ހަރަކާތްތައް ފަށަން ޖެހުނު ސަބަބު މައުމޫނަށް ހަނދާންކޮށްދެއްވައިފައެވެ. އެގޮތުން ޔޫކްރެއިންގެ ރައީސްގެ ސަބަބުން އެ ގައުމުގެ ޑޮންބާސް ސަރަހައްދުން ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާ ކަމަށާއި ނަމަވެސް އެކަމާ މައުމޫން ކަންބޮޑުވެވަޑައިނުގަންނަވަނީ ކީއްވެތޯ ސަފީރު ސުވާލު އުފެއްދެވިއެވެ.

ސަފީރު ވިދާޅުވީ، 2022 ވަނަ އަހަރުން ފެށިގެން ތަފާތު ހަތަރު ފަހަރެއްގެ މަތިން ރަޝިޔާއިން އިސްވެ ވަނީ ސުލްހަ ގާއިމުކުރުމަށް ހުށަހަޅައިފައި ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު އެކަމަށް ހުރަސް އަޅައި އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދަން ޔޫކްރޭނަށް ހިތްވަރުދެނީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ކަމަށެވެ.

"ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ތަފާތުކުރުމުގެ ސަގާފަތަށް ތާއީދު ނުކުރަން އަޅުގަނޑު މައުމޫނަށް ގޮވާލަން. އޭގެ ބަދަލުގައި އެންމެ ގައުމެއްގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމަށް ނިމުމެއް ގެންނަން އދ. ގެ ސަލާމަތީ މަޖިލީހުގެ ނުކުޅެދިފައިވާ ކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވުމަށް މައުމޫނަށް ގޮވާލަން" ސަފީރު ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ދިފާއުގައި ރާއްޖޭން ކުރަމުން އަންނަ ކަންތައްތައް ރަޝީއާއިން އުފަލާ އެކު ފާހަގަކުރާ ކަމަށެވެ.