ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ބޮޑު ހަރަކާތެއް، 211 އޮފިސަރުން ބައިވެރިވޭ

މުހައްމަދު އިޝާން

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ބޮޑު ހަރަކާތެއް ފަށައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ހަރަކާތުގައި އިމިގްރޭޝަންގެ 211 އޮފިސަރުން ބައިވެރިވާ ކަމަށެވެ. އެ އޮފިސަރުން 52 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރާނެ ކަމަށްވެސް ބުންޏެވެ.

"މި ހަރަކާތުގެ މަގުސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ގަވާއިދާހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތް ދިނުން" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، އެ ހަރަކާތުން ލިބޭ މައުލޫމާތުގެ އެހީގައި މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވޭނެ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ނުވަ މަސް ތެރޭގައި 3،322 ބިދޭސީން އަތުލައިގަނެ، ރާއްޖެއިން ވަނީ ޑީޕޯޓްކޮށްލައިފައެވެ.