ޚަބަރު

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރާނީ އަންނަ އަހަރުން ފެށިގެން، ފައިދާވާ ކުންފުންޏަކަށް ހަދާނަން: ސިމާދު

މިހާރުވެސް ބޮޑު ދަރަންޏެއް އޮތް ފެނަކަ ކޯޕަރޭޝަން، ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ދަށަށް ބަދަލުކުރާނީ އަންނަ އަހަރުން ފެށިގެން ކަމަށާއި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ސިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފެނަކައަކީ އެސްޓީއޯގެ 100 ޕަސަންޓު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރަން ސަރުކާރުން ނިންމީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސިމާދު ވިދާޅުވީ، އެސްޓީއޯގެ ދަށަށް ފެނަކަ އެއްކޮށް ބަދަލުކުރާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނައުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ފަށައިފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ފެނަކައާއި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ޕްލޭންގެ ތެރެއިން މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔުޑިލިޖެންސް ހެދުމާއި އެސެޓްތައް ވެލިއުކުރުމާއި މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ކުންފުނި ރައިޓްސައިޒުކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އިރުޝާދު ދީފައިވާ ކަމަށް ސިމާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނިންމުން މި ނިންމަނީ މީޑިއަމް-ލޯންގް ޓާމަށް ވިސްނައިގެން. ދެ އަހަރާއި ތިން އަހަރު ދުވަސް ނަގާނެ ރަނގަޅަށް ހިނގައިގަތުމަށް،" ސިމާދު ވިދާޅުވިއެވެ.

ސިމާދު ވިދާޅުވީ، އެސްޓީއޯއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުދައްކައި އޮތީ ފެނަކައިން ކަމަށާއި އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުން އެ މައްސަލައަށްވެސް އެދެވޭ ހައްލުތަކެއް ލިބޭނެ ކަމަށެވެ. އެއީ އެސްޓީއޯއަކީ ރާއްޖެއަށް ތެޔޮ އެތެރެކުރާ އެންމެ ބޮޑު ކުންފުންޏަށްވެފައި، އެ ކުންފުންޏަކީ ގުޑްގަވަނަންސްގެ އުސޫލުތައް ހިފަހައްޓާ ކުންފުންޏަކަށްވުމުން، ދިގު ރާސްތާގައި ފެނަކައަކީ ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދޭނެ ކަމަށް ވިދާޅުވިއެވެ.

ސިމާދު އިތުރަށް ވިދާޅުވީ، ފެނަކައިގެ ސްޓްރަކްޗާއާއި ހިންގުމަށްވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި އެސްޓީއޯއިންވެސް އަމާޒު ހިފާފައިވަނީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ފެނަކައިގައި މިހާރުވެސް 4.1 ބިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތެވެ.