ޚަބަރު

ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނަގަން މަޓާޓޯއިން ތާއީދު

1

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ދެއްކުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ތާއީދުކުރާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބިޒްނަސް ޕްރޮފިޓް ޓެކްސް ފަދަ ޓެކްސްތަައް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހެދުމަށް ސަރުކާރުން މި ފަހުން ވަނީ ނިންމައިފައެވެ. އަދި ޖީއެސްޓީ ނަގާ އުސޫލު "ޑެސްޓިނޭޝަން ޕްރިންސިޕަލް" އަށް ބަދަލު ކުރަން ވެސް ނިންމައިފައެވެ. އޭގެ އިތުރުން ގްރީން ޓެކްސް އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ޗާޖު ވެސް ބޮޑު ކުރަން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން، މަޓާޓޯއިން މިއިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ އެސޯސިއޭޝަންއަކީ، ޑޮލަރުން ޓެކްސް ނެގުމާ ދެކޮޅު ބައެއް ނޫން ކަމަށާއި ނަމަވެސް ކަށަވަރުކުރަން ބޭނުންވަނީ، ސަރުކާރުގެ އިސްލާހީ އެޖެންޑާތައް ތަންފީޒުކުރުމަކީ، ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ހަގީގަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއްތޯ ކަމަށެވެ.

އަދި ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ އިގްތިސާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ ހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިންމުކަމާއި އާމްދަނީ އެއްކުރުމުގެ ނިޒާމު އިތުރަށް ރަނގަޅުކުރެވޭނެ އިސްލާހުތަކަކީ ބޭނުންތެރި މުހިންމު ކަންކަން ކަމަށް ދެކޭ ކަމަށެވެ.

މީގެ އިތުރުން މަޓާޓޯއިން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތު ހިމާޔަތްކޮށް، ރާއްޖޭގެ އިގުތިސޯދަށް ފައިދާކުރާނެ ގޮތަކަށް ޖީއެސްޓީ ގާނޫނަށް ގެނެވޭ ކޮންމެ ބަދަލެއް ތަންފީޒު ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟