މާލޭގައި ހުންނަ އީދު މިސްކިތުން އަނެއްކާވެސް ވައްކަން ކޮށްފި ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.
ސިޓީކައުންސިލުގެ އެކްސް ޕޯސްޓުގައި ރޭ ބުނީ އީދު މިސްކިތް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް ރޭ 6:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައި އެ މިސްކިތުން 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ވަގަށް ނަގާފައިވާ ކަމަށެވެ.
މާލޭގެ މިސްކިތްތަކުން ވައްކަން ކުރުން މި ފަހަކަށް އައިސް އިތުރުވެފައިވާ އިރު، މާލޭ އީދުމިސްކިތުން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމަޔަށް ދިހަ ފަންކާ ވަގުން ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ކުރީން ވަނީ ބުނެފައެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި ސީސީޓީވީގެ ފުޓޭޖު ލިބުނުހާ އަވަހަކަށް ސޯޝަލްމީޑިއާގައި އެ ވީޑިއޯ ހިއްސާކުރާނެ ކަމަށްވެސް ސިޓީކައުންސިލުން ބުންޏެވެ.
މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމައަށް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން 21 މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ.
މިސްކިތްތަކުން ވައްކަން ކޮށްފައި ހުރި މައްސަލަތަކުގެ ތެރޭގައި ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު މި އަހަރުގެ މާޗް 31 ގައި ވަގަށް ނަގާފައިވުމާއި އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގުން ހިމެނެއެވެ.
މިސްކިތްތަކުން ވައްކަން ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން މާލެ ސިޓީކައުންސިލުން ވަނީ މިދިޔަ ޖޫން 24 ގައި ގޮވާލާފައެވެ.