ރޯދަމަސް

ވަން ރެސިޕީ: އޯޓްސް ކުޅި ބޯކިބާ

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިން އަބަދުވެސް ދިވެހިކެއުމަށް ލޯބި ކުރެއެވެ.

އެގޮތުން އޯޓްސް ކުޅި ބޯކިބަލަކީ ވެސް ތަފާތު އަދި މީރު އެއްޗެކެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު އޯޓްސް

1 ޖޯޑު ކާށި ހުނި

1 ދަޅު މަސް

1 އަލުވި (ފެނުކައްކާފައި)

2 ފިޔާ

1/2 ސަމުސާ އިނގުރު (ގާނާފައި)

1/2 ސަމުސާ ލޮނުމެދު (ގާނާފައި)

1 ގިތެޔޮ މިރުސް

1 ލުނބޯ

ހިކަނދިފަތް، ރީނދޫ، ލޮނު

ތައްޔާރުކުރާނެ ގޮތް:

ތައްޓަކަށް އޯޓްސް ކޮޅު އެޅުމަށްފަހު މަތިން އަރާވަރަށް ހޫނުފެން އަޅާފައި 10 މިނެޓް ވަންދެން މަތިޖަހާފައި ބަހައްޓާށެވެ. އެއަށްފަހު ފިޔާ ހިކަނދިފަތް، އިނގުރު، ލޮނުމެދު، ގިތެޔޮ މިރުސް، ކުލަ ހުންނަވަރަށް ރީނދޫ، ލުނބޯ ހުތް ޖަހައިގެން މޮޑެލާށެވެ. ދެން މޮޑުނު އެއްޗިހީގެ ތެރެއަށް ކާށި ހުނި، މަސް، އަލުވި، އޯޓްސް އަޅައިގެން ރަނގަޅަށް މޮޑެލުމަށްފަހު ލޮނު ރަހަ ރަނގަޅުކޮށްލާށެވެ.

އެއަށްފަހު ތަވާގައި ތެޔޮކޮޅެއް ހާކައިލުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ތަވާ ހޫނުވުމުން ބޯކިބާފުށްގަނޑު ތަވައަށް އަޅާލައި މަޑު ގިނީގައި ފިހާށެވެ.