ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހިންގުން ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފިި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށް އެ ބަދަލު ގެންނަން ހުށަހެޅީ ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ވަނީ މިހާރު ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓްރީގެ ދަށުން ގުރައިދޫގައި ހިންގަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައެވެ.
އެ ބަދަލާއެކު އެ މަރުކަޒަށް ކަނޑައަޅާފައިވާ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތައް އަދި މުވައްޒަފުން ވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ވާނެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ގުރައިދޫ މަރުކަޒަކީ ނަފްސާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން މުޖުތަމައު ތެރޭގައި ގެންގުޅުން ރައްކާތެރިކަމަށް ނުފެންނަ ފަރާތްތަކާއި އާއިލާ އާއި މުޖުތަމައުން އަޅާލުން ނުލިބި، ބެލެނިވެރި އަދި ބަލަދުވެރި ފަރާތެއް ނެތި ބެލެހެއްޓުމުގެ ޒިންމާއިން ހަވާސާވެފައިވާ ފަރާތްތަކަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ މަރުކަޒެކެވެ.
ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިވަގުތު ތިބީ 219 މީހުންނެވެ. އޭގެ ތެރޭގައި 65 އަހަރުން މަތީގެ 30 މީހުންވެސް ހިމެނެއެވެ.