ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި މިވަގުތު ސަރުކާރުގެ މެޖޯރިޓީއެއް ނެތް ކަމަށާއި އެ ބޭންކުގެ ނިންމުން ބާތިލުކުރުމަށް ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސައިން އަފީފް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މިދިޔަ އާދީއްތަ ދުވަހު ބީއެމްއެލުން ނިންމި ނިންމުމާ ގުޅޭގޮތުން ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި މިވަގުތު ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން ކަމަށާއި ދެން ތިބި ފަސް ބޭފުޅުންނަކީ ސަރުކާރު ޑިރެކްޓަރުން ނޫން ކަމަށެވެ. ސަރުކާރުގެ ދެ ޑިރެކްޓަރެއްގެ ނަން ފޮނުވާފައިވީ ނަމަވެސް، ބީއެމްއެލްގެ އުސޫލުތައް އޮންނަ ގޮތުން އެބޭފުޅުން އައްޔަންކުރަން އަދި ދެތިން ހަފުތާ ނަގާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް ޕަބްލިކް ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން ރިޕްރެޒެންޓްކޮށްދޭ ނިސްބަތްވާ އިސްބޭފުޅުންގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލަން ޗަމްޕާ މުހައްމަދު މޫސާ އާއި ހުސައިން އަފީފް ވަރަށް އެހީތެރިކަން ދެއްވި. ދެއްވައިގެން އެބޭފުޅުންނަށް ރިޕްރެޒެންޓްވާ ޑިރެކްޓަރުންނާ ވާހަކަދައްކަވައި، އެބޭފުޅުންގެ ސަޕޯޓާއި އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ސަޕޯޓާއެކީގައި ކުރެވުނު މަސައްކަތުން އިއްޔެ އަޅުގަނޑުމެންގެ ކެބިނެޓު ފެށުނީއްސުރެ ނިންމާނުލައި ކުރިއަށްގެންދިޔައިން، މިކަމުގައި މަސައްކަތްކުރަމުން ދިޔައީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބީއެމްއެލްގެ ތެރެއިން ހިންގީ ދުރާލައި ރާވައިގެން ބަގާވާތެއް ކަމަށާއި އޭގެ ކުރިން ބައެއް ގައުމުތަކުގައި މަގުމައްޗަށް ރައްޔިތުން ނުކުތްތަނުގެ މިސާލު ދައްކައި ހިތްވަރުދީ، އެހެން ގޮސް ވަރަށް ގިނަ ކަންތައް ކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ މައްސަލަ ބަލަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުން އިދާރާއަށް އަދި ސިފައިންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ އެ ދާނީ ރައްޔިތުންނާ ހިއްސާކުރަމުން. މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ، މި ދެންނެވި ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ އެޓެމްޓެޑް ކޫ އަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފުލުހުންގެ ތަހުގީގަކުން އެ ފާހަގަވާ ކަމެއް ތަންފީޒުކުރުމުގައި، ކުށްވެރިވަނީ ކޮންމެ މީހަކު ކަމުގައިވިޔަސް ޝަރީއަތަށް ފޮނުވައިގެން އެމީހަކަށް އެކަން ސާބިތުވެއްޖެއްޔާ ހުކުމް ތަންފީޒުކުރަން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި މި ސަރުކާރުން ޝަރީއަތަށް ވެސް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.