ވިލާ ކޮލެޖަށް ވަޑައިގެންނެވި ފުރަތަމަ ފުލްބްރައިޓް ސްކޮލާ އަދި އެސޯސިއޭޓް ޕްރޮފެސަރު ޑރ. ޗާލްސް ވެނޯވާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ވިލާ ކޮލެޖުގައި އިއްޔެ ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ އިސްބޭފުޅުންނާއި އެމެރިކާ އެމްބަސީގެ ފަރާތުން ޑެޕިއުޓީ ޗީފް އޮފް މިޝަން އަނަންދް ކްރިޝްނާ، ޕަބްލިކް އެފެއާޒް އޮފިސަރު ޝެރިލް ނީލީ އަދި ޕަބްލިކް އެންގޭޖްމަންޓް ސްޕެޝަލިސްޓް އާމިނަތު ޝިޒްލީން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ޒެއިނާ އަބްދުﷲ ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތު ފެށުމުގެ ގޮތުން އެސޯސިއޭޓް ޕްރޮފެސަރު ޑރ. ޗާލްސްގެ ތައާރަފެއް ދެއްވުމަށްފަހު އޭނާގެ މަސައްކަތް ކުރިއަށް ރޭވިފައިވާ ގޮތުގެ ތަފްސީލު ވިލާ ކޮލެޖުގެ ސްކޫލް އޮފް ސައިކޮލޮޖީގެ ހެޑް އޮފް ސްކޫލް ޑރ. އާއިޝަތު ނަޝީދާ ދެއްވިއެވެ.
އެއަށްފަހު އެސޯސިއޭޓް ޕްރޮފެސަރު ޑރ. ޗާލްސްއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. އަންވަރުގެ ވާހަކައިގައި ވިލާ ކޮލެޖުގައި ރިސާޗް ކަލްޗާއެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވެސް ބައްލަވައިލެއްވިއެވެ.
އެ ރަސްމިއްޔާތުގައި އެމެރިކާގެ އެމްބަސީގެ ޑެޕިއުޓީ ޗީފް އަނަންދް ކްރިޝްނާ ދެއްކެވި ވާހަކައިގައި ވިލާ ކޮލެޖު ޓީމަށް ޝުކުރު އަދާކުރައްވައި، ރަސްމިއްޔާތަށް ދައުވަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ބައިނަލްއަގުވާމީ އެއްބާރުލުމާއި ޕާޓްނަޝިޕްތަކާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އެސޯސިއޭޓް ޕްރޮފެސަރު ޑރ. ޗާލްސް ވަނީ އިލްމާއި އާ އުފެއްދުންތައް ކުރިއެރުވުމުގައި ދިރާސާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ދިރާސާގެ ހޯދުންތައް ފެތުރުމަކީ އެހާމެ މުހިންމު ކަމެއް ކަމަށާއި ވިސްނުންތަކާއި ހޯދުންތައް ހިއްސާކުރުމަކީ ޖަމާއަތުގައި ކުރިއެރުމާއި ތަރައްގީއަށް މަގުފަހިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ދެއްވި ހޫނު މަރުހަބާއަށް ޑރ. ޗާލްސް ޝުކުރު އަދާކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ޑރ. ޗާލްސް ވެނޯވާއަށް ވިލާ ކޮލެޖުގެ އެޖަންކްޓް އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމު ދެއްވުން ވެސް އޮތެވެ. ޑރ. ޗާލްސްއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ.
އެސޯސިއޭޓް ޕްރޮފެސަރު ޑރ. ޗާލްސް އަކީ އެމެރިކާގެ ސަރުކާރުން ހިންގާ ފުލްބްރައިޓް ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް ވަޑައިގެންނެވި ބޭފުޅެކެވެ. މިއީ އެ ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖަށް ބޭފުޅަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ވިލާ ކޮލެޖުން މައުލޫމާތުދޭ ގޮތުގައި ޑރ. ޗާލްސް، އެ ކޮލެޖުގައި ހަތަރު މަސް ދުވަހުގެ މުއްދަތަކަށް މަސައްކަތްކުރައްވާނެއެވެ. އޭނާގެ މަސައްކަތް ހާއްސަކުރައްވާނީ ރިސާޗް، ކަރިކިއުލަމް އަދި ޕެޑަގޮޖީގެ ދާއިރާއަށެވެ.