ޚަބަރު

ރައީސް މުއިއްޒުގެ ރައްދު ޔާމީނަށް: އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓެއްގައި އަޅުގަނޑުގެ ނަމެއް ނޯންނާނެ

އެމްއެމްޕީއާރުސީ ހިޔާނާތުގެ އެއްވެސް ލިސްޓެއްގައި އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްދުދެއްވައިފިއެވެ.

ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް އެ ވާހަކަތައް ދައްކަވާފައިވަނީ، ޕީއެންއެފްގެ ޖަލްސާގައި ފުލުހުންގެ ތަހުގީގެއް ކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ދާދި ފަހުން ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި އެ ތަހުގީގު ކަމަށް ވިދާޅުވެ، ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖާސޫސްކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އެ ޖަލްސާގައި އެ ވާހަކަތަކަށް ރައީސް ޔާމީން ވެސް ބާރުދެއްވަމުން ވާހަކަފުޅުދެއްކެވިއެވެ.

އެކަންކަމަށް ރައްދުދެއްވަމުން ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި އެކި ފަހަރުމަތިން ބަދަލުކޮށްގެން ނެރުނު ލިސްޓުގައި ވެސް އެ މަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށާއި ވިޔަފާރީގެ ގޮތުން ޑޮލަރު މާރުކުރުމުގެ ގޮތުން ވިޔަސް އެކަމާ ގުޅޭ ލިސްޓެއްގައި އެ މަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށެވެ.

"އެކި ގޮތްގޮތަށް ބަދަލުކުރިޔަސް އަޅުގަނޑުގެ ނަމެއް ނެތެއް ނޫންތޯ. އޭގައި ހިމެނޭ ގިނަ މީހުންނަކީ އެކަމުގައި ބައިވެރިވި މީހުންނެއް ނޫން، ވިޔަފާރިކުރުމުގައި އޭގައި ޑޮލަރު މާރުކޮށްފައި ގިނަ މީހުން އޮތީ. އެގޮތުން ވިޔަސް އަޅުގަނޑުގެ ނަމެއް ނެތް. ދެން މިއަދު ރިޕޯޓެއް ނެރުނީމާ އަޅުގަނޑު ވެސް ވަރަށް ހައިރާންވެއްޖެ މިވީ ކިހިނެއްތޯ ބަލަން. ދެން އަޅުގަނޑު ޕޮލިހުންނަށް ދަންނަވައިފިން ބަލައިލަދޭށޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ފުލުހުންގެ އިދާރާގައި ދެންނެވުމުން އެއީ ފޯޖުތަކެއްކަން ފުލުހުން ދައްކާފައިވާ ކަމަށާއި އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނުކަމަށް ސާބިތުކުރަން ނެރެފައިވަނީ ހަގީގަތާ ޚިލާފު އެއްޗެއް ކަމަށްބުނެ ފުލުހުން ވެސް ބަޔާނެއް ނެރެފައިވާނެ ކަމަށެވެ.

"ސާބިތު ހެކީގެ ގޮތުގައިި ދެއްކީ. ދެން މި ސާބިތުވީ ކޮން އެއްޗެއްތޯ އެބަޖެހޭ ބަލަން. އެހެންވީމާ މިކަހަލަ ގޮތަކަށް ކަންކަން މިއޮތީ. އަޅުގަނޑު ހިތްވަރުދޭން ބޭނުންވަނީ ޒިންމާދާރުވާން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑިމޮކްރަސީއެއްގައި ޒިންމާދާރު އޮޕޮޒިޝަނެއް އޮންނަން ޖެހޭ ކަމަށާއި ޒިންމާދާރުވުމަކީ ތެދުބަހުން ވާހަކަދެއްކުން ކަމަށެވެ.