ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތެރެއިން ހިންގީ ދުރާލައި ރާވައިގެން ހިންގި ބަގާވާތެއް ކަމަށާއި ނުފޫޒެއް ނެތި ފުލުހުން މައްސަލަ ބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބީއެމްއެލްގެ ތެރެއިން އިއްޔެ ހިނގި ކަންތަކާއި އެ ވަގުތު ކުރީގެ ފިނޭންސް މިނިސްޓަރު ނޫސްކޮންފަރެންސް ދިނުމާއި އަދި ސޯޝަލް މީޑިއާގައި ހިންގި މަގުމައްޗަށް މީހުން ނެރެން ކުރި ކަންތައްތަކުގައި، ފުލުހުން ބަލާ މިންގަނޑުތަކުން ޣައިރުގާނޫނީ ގޮތެއްގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަކާ ދެކޮޅަށް ހިންގި އަމަލެއްގެ ގޮތުގައި ދޭހަވާ ހެކިތައް ހުރީމަ ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
"މިއީ ރޭވިގެން ހިނގި ކަމެއް، އެ ކުރި ގޮތެއް ބަލަން ފުލުހުން އެ އޮތީ ފަށާފައި. ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުން އިދާރާއަށް އަދި ސިފައިންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ އެ ދާނީ ރައްޔިތުންނާ ހިއްސާކުރަމުން. މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ، މި ދެންނެވި ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ އެޓެމްޓެޑް ކޫ އަކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ތަހުގީގުން އެ ފާހަގަވާ ކަމެއް ތަންފީޒުކުރުމުގައި، ކުށްވެރިވަނީ ކޮންމެ މީހަކު ކަމުގައިވިޔަސް ޝަރީއަތަށް ފޮނުވައިގެން އެމީހަކަށް އެކަން ސާބިތުވެއްޖެއްޔާ ހުކުމް ތަންފީޒުކުރަން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ޝަރީއަތަށް ވެސް މި ސަރުކާރަކުން ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
"އެހެންވީމާ ބެލީމަ އެނގޭނީ. އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑު ކުރީ މަސައްކަތް. އިއްޔެ އެ ނެރޭކަން އެނގުނު ހިސާބުން ޕާސަނަލީ އަޅުގަނޑު ދިޔައީ ވަރަށް ގިނަ މަސައްކަތްކުރަމުން، އަދި ކަމާބެހޭ ވަޒީރުން ވެސް. އެހެންނަމަވެސް އަޅުގަނޑު ދަންނަވަމުންދިޔަ އެއްވެސް ވާހަކައެއް ވެސް އަޑުނާހައި، އިއްޔެ ނިންމުން ނެރުނީ. ދެން އަނެއްކާވެސް އަޅުގަނޑު މަސައްކަތްކޮށް، ވަރަށް ގިނަ ބޭފުޅުން އެހީތެރިކަން ދިން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބީއެމްއެލްއަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބޭންކެއް ނަމަވެސް މިވަގުތު އެތަނުގައި ސަރުކާރުގެ މެޖޯރިޓީ ނެތް ކަމަށާއި ސަރުކާރުގެ ދެ ޑިރެކްޓަރުންގެ ނަން ފޮނުވި ނަމަވެސް، ބޭންކުގެ އުސޫލު އޮންނަ ގޮތުން އެބޭފުޅުން އައްޔަންކުރުމަށް އަދި ދެތިން ހަފުތާއެއް ނަގާނެ ކަމަށެވެ.