މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ އުޅަނދުތައް ވަގުތީ ގޮތުން ބޭއްވުމަށް ހަމަޖެއްސި ބިމަށް އުޅަނދުތައް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރަޖިސްޓްރީ ނުކޮށް މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި މާލޭ ޒޯނުގައި ދުއްވާ އެހެން ޒޯންތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ދުއްވުމާއި ޕާކު ކުރުމާއި ބޭނުންކުރުން ހުއްޓުވައި އެ އުޅަނދުތައް ގާނޫނާއި ގަވާއިދުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ ވެހިކަލްތައް ވަގުތީ ގޮތުން ޕާކު ކުރާނެ އިންތިޒާމު ހުޅުމާލޭގެ ލޮޓް ނަންބަރު 452 ބިމުގައި މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން އެފަދަ އުޅަނގުތައް ވީ އެންމެ އަވަހަކަށް އެކަމަށް ހާއްސަކޮށްފައިވާ ބިމަށް ގެންގޮސް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން އުޅަނދާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ވީ އެންމެ އަވަސް ފުރުސަތެއްގައި ނިންމުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައި އިތުރަށް ބުނީ، އެ އެންގުމާ ހިލާފުވާ އުޅަނދުތަކާމެދު ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރަން މުއައްސަސާތަކުން މި މަހުގެ 15 ގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މާލެ ސަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓްރީ އޮންނަ އުޅަނދުތައް އެޗްޑީސީން ދައްކާ ބިމަކަށް އަމިއްލައަށް ގެންގޮސް ބާއްވައިގެން، ރަޖިސްޓަރީ ކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެޗްޑީސީން ކަނޑައަޅާ ބިމަށް އެފަދަ ވެހިކަލް ގެންދިއުމަށް ދޭން ނިންމާފައިވަނީ 40 ދުވަހެވެ. އެއަށްފަހު މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ ވެހިކަލްތައް ޓޯ ކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.