ޚަބަރު

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އުޅޭތަނެއް ނުފެނޭ: ޑިމޮކްރެޓްސް

ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ދިމާވެފައިވާ ފައިސާގެ ދަތިކަން ފިލުވުމަށް ބޭރުން ގައުމުތަކުން ފައިސާ ލިބޭނެ ކަމަށް ބަލައިގެން ނުތިބެ، ހަރަދު ކުޑަކުރަން އެޅެން ހުރި ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އެޅުމަށް ޑިމޮކްރެޓްސްއިން ސަރުކާރަށް ގޮވާލައިފިއެވެ.

ދަ ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ބޭރު ގައުމުތަކަށް ސަރުކާރު ހިންގަން އިސާ ހޯދަން އާދޭސް ކުރަން ދަނީ މާމޮޅު ޕްރޮކޯސަލެއް ހިފައިގެންނޫން ކަމަށެވެ.

"އެގޮތަށް އާދޭސްކުރަން ދާއިރުގައި އެމީހުންނަށް އެބަފެނޭ މި ގައުމު ހިންގަން 22 މިނިސްޓްރީ އޮތްތަން، އަޅުގަނޑުމެން މިދަނީ ގައުމަކަށް ގޮސްފަ ބަލާއިރު، އެމީހުން އެއޮއްބޮޑު ގައުމު ހިންގަން މި އޮތީ 12 މިނިސްޓްރީ، ހައެއްކަ މިލިޔަން މީހުންގެ، ގައުމެއް ހިންގަނީ 12 މިނިސްޓްރީން އެކަހަލަ ކަންތައް ފެނުނީމަ އެބަ އެނގޭ މީކީ އަދި މިކަން ވާވަރު ބައެއްނޫންކަން ލާރިކޮޅެއް ދިނަސްް އެ ލާރިކޮޅު ގެއްލޭނީކަން،"

އެހެންކަމުން ހަރަދުކުޑަ ކުރަން އުޅޭކަން އަމަލީގޮތުން ސަރުކާރުން ދައްކަން ޖެހޭ ކަމަށާއި، 10 މިނިސްޓްރީންވެސް މި ގައުމު ހިންގޭނެކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު ހަމައެކަނި ފޮރިން މިނިސްޓްރީއަށް ބަލައިލިޔައް އެމްބަސީތަކުން ވަޒީފާ ދީފަ، އެ ގައުމުތަކަށް ނުފުރައި 100 އެއްހާ މީހުން އެބަތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެމީހުންނަށް މުސާރަވެސް ދެނީ ޑޮލަރުން، އެމްބަސީތަކުގައި ތިބި އެންމެނަށް، ކިތަންމީހުން އެބަތިބި އެމްބަސީގަ ކިތައް އެމްބަސީ އެބަހުރި، ކީއްތޯ އެމީހުން ކުރަނީ ރާއްޖެއަށް ކޮންކަމެއްތޯ ވަނީ އެމްބަސީތައް ހުޅުވައިގެން ނަން ހުސްކޮށް އެމްބަސީތައް އެބަހުރި، މިހާރުން މިހާރަށް ބަންދު ކުރަންޖެހޭ ބައިވަރު އެމްބަސީތައް އެބަހުރި، މިގައުމަށް ކަނޑައަޅާފަ އެބަތިބި ދުނިޔޭގެ ގައުމުތަކުން އެމްބެސެޑަރުން، މިތާ އެބަތިބިތޯ އެބޭފުޅުން، ނެތް ލަންކާގަ ތިބެނީ ނޫނީ އިންޑިއާގަ ތިބެގެން ރާއްޖެ ބަލަހައްޓަނީ، އެހެންވީމަ އަޅުގަނޑުމެންނަށްވެސް މެދުއިރުމަތީގަ، އެއް އެމްބަސީ، ޔޫރަޕްގަ އެއް އެމްބަސީ، އޭޝިޔާގަ އެއް އެމްބަސީ ސައުތު އޭޝިޔާގަ އެއް އެމްބަސީ ބެހެއްޓީމަ ނިމުނީ،"

އަމްރު ވިދާޅުވީ ހަރަދު ކުޑަކުރަން ކަންތައްތައް ކުރަމުން އަންނައިރު ތެދު ގަގީގަތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. ކަންކަން ހާމަކުރަންޖެހޭ ކަމަށާއި، ކަންކަން ފޮރުވާފައި ބާއްވަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ފަރާތުން ވާދަކުރެއްވި ކުރީގެ މަޖިލިސް މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، މި އަހަރު ފެށުނު އިރު ދައުލަތުގެ ޖުމްލަ ދަރަނި އޮތީ 120 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިމެނޭ އާމްދަނީއަކީ، 34 ބިލިއަން ރުފިޔާ ނަމަވެސް 49 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އެއީ މިއަހަރު އެކަނިވެސް 15 ބިލިއަން ރުފިޔާ ޑިފިސިޓްވާ އަދަދެއްކަމަށްވެސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިފަހުން މަޖިލީހުގައި ވިދާޅުވެފައި ވަނީ މިހާރު ދާ ގޮތުން ހަރަދުވާނެ ކަމަށް ބެލެވެނީ 57 ބިލިއަން ރުފިޔާ ކަމަށާއި އޭގެ ނަތީޖާއަކީ، މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 140 ބިލިއަން ރުފިޔާއަށް އެރުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ސިޔާސީ މަގާމުތައް އަދިވެސް ދަނީ އިތުރުވަމުން ކަމަށާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އެއަށްވުރެން ގިނަ ކަމަށްވެސް ވިދާޅުވިއެވެ. އެވަރުން ހަރަދު ކުޑަނުކޮށް ދައުލަތް ނުހިފޭއްޓޭނެ ކަމަށް އިލިޔާސް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައިވެސް ފެންނަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ނުކުރެވި، ހަރަދު ކުޑަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވޭތަން ކަމަށްވެސް ވިދާޅުވިއެވެ.