ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ތަފާތު އާ އުފެއްދުންތައް އީޖާދުކުރުމަށް ދިވެހި އަންހެނުންވަރެއް ނެތޭ ބުނެވިދާނެއެވެ.
ދިވެހި އަންހެނުންނަކީ ކޮންމެ އެއްޗަކުންވެސް ހީނުކުރާ ފަދަ މީރު ކާއެއްޗެއް ތާއްޔާރުކޮށް މީހުން އާޝޯޚުކޮށްލާ ފަދަ ކުޅަދާނަ ބައެކެވެ.
އެގޮތުން ފަޅޯ މަސްހުންޏަކީ ރޮއްޓާއެކު ކާލަން ވަރަށް މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ހަރު ފަޅޯ ( ގާނާފައި)
1 ޖޯޑު ކާށި ހުނި
1 ގަނޑު ވަޅޯމަސް (ކޮށާފައި)
1 ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)
1 ލުނބޯ
2 ފިޔާ (ކޮށާފައި)
ލޮނު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ގާނާފައި ހުރި ފަޅޯކޮޅު ތެރެއަށް ހޫނުފެން ފޮދެއް އަޅައި ފަޅޯތައް ރަނގަޅަށް ދޮވެ ކިރުތައް ފިލުވައިލާށެވެ. ދެން ފިޔާ، ގިތެޔޮ މިރުސް، ލޮނު ހުތް ޖަހައިގެން މޮޑެލާށެވެ. މޮޑުނު އެއްޗެހީގެ ތެރެއަށް މަސް، އަދި ހުނި އަޅައިގެން މޮޑެލުމަށްފަހު ފަޅޯކޮޅު އަޅައި، ލޮނު ރަހަ އެއްވަރު ވަންދެން މޮޑެލާށެވެ.