ޚަބަރު

މި މަހުގެ ނިޔަލަށް 300 ޒުވާން ހަތީބުންނަށް ހުއްދަ ދޫކުރެވޭނެ: ޝަހީމް

ފާތިމަތު ލިޔުޝާ

މި މަހުގެ ނިޔަލަށް 300 ހަތީބުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފަސް އަހަރު ތެރޭ 1000 ހަތީބުން ތަމްރީނުކުރުމުގެ އަމާޒާއެކު އިމާމުވެ ހުކުރު ކުރާނެ ޒުވާން ހަތީބުން ތަމްރީނު ކުރަން ފެށީ މިއަހަރުގެ ކުރީކޮޅުއެވެ. މާލެއާއި އައްޑޫގައި ހިންގަމުން އަންނަ ތަމްރީނާއި އަދި އޮންލައިންކޮށް ބައިވެރިވާ ދަރިވަރުންނާ އެކީ 200 ދަރިވަރުންނާއެކު ދެވަނަ ބެޗްގެ ތަމްރީނު ފެށީ މި އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.

ސަތޭކައަށްވުރެ ގިނަ އިލްމުވެރިންނާއެކު ރޭ ފެށި އިލްމުވެރިންގެ އަހަރީ ބައްދަލުުވުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، 1000 ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަޝްރޫއު އިސްލާމިކް މިނިސްޓްރީން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

"މި މަސް ނިމޭއިރުގައި މި މަޝްރޫއުގެ ތެރެއިން 300 ޒުވާން ހަތީބުން ފެނިގެންދާނެ. މިހާރު 100 ހަތީބުންނަށް އެ ހުއްދަ ވަނީ ދޫކުރެވިފައި. އެކި ރަށްރަށުގައި މާލެއާއި އެކިތަންތަނުގައ ހުތުބާ ކިޔަމުން އެބަދޭ. އަދި މިހާރު 200 ކުދިންނަށް ތަމްރީނުދީ ނިމިފައިވޭ. މި މަހުގެ 28 ގައި އެ ކުދިންނަށް ސަނަދުދީ ހަވާލުކުރާނަން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނުގެ ޝަހުޝިއްޔަތު ރަމްޒުކޮށްދީ އިސްލާމްދީނުގެ ޝިއާރު ދެމެހެއްޓުމަށް ދެވަނަ ސަފެއް ބިނާކުރަންޖެހޭ ކަމަށާއި އެހެން ނޫނީ ހިތާމަކުރަންޖެހޭނެ ކަމަށެވެ.

"މިއަދު ކުރީސަފުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރަންވީ އެ މީހުންގެ ކުރިއަށް އޮތް ސަފު ބިނާކުރަން. ޖެހިގެން އޮތް ސަފު ބިނާކުރަން މަސައްކަތް ނުކޮށްފި ނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ މުސްތަގުބަލުގައި. ރާއްޖޭގައި އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށްޓަކާ. އެހެންވީމަ އަޅުގަނޑު މި ދެންނެވީ އެގޮތަށް މަސައްކަތް ކުރަން" ޝަހީމް ވިދާޅުވިއެވެ.