ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ހުސެއިން ޝަމީމް އިސްތިއުފާދެއްވައިފިއެވެ.
ޝަމީމު މަގާމުން އިސްތިއުފާދެއްވައިފައި މިވަނީ އޭނާ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަަށް ލަފާ އަރުވަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ މައްސަލައަށް މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމާފައި ވަނިކޮށެވެ.
މިރޭގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ 9:00 ގައެވެ.
ޖަލްސާ ފެށެން ކުޑަވަގުތު ކޮޅަކަށްވެފައި ވަނިކޮށް ޕީޖީ އޮފީހުން ބުނީ ޝަމީމު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ޝަމީމު އިސްތިއުފާދެއްވުމާ ގުޅިގެން ޕީޖީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވީ ހުންނެވީ ޑެޕިއުޓީ ޕީޖީ މަހުމޫދު ސަލީމް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒް ހުސެއިން ޝަމީމު މަގާމުން އިސްތިއުފާ ދެއްވާފައިވާކަން މި އޮފީހަށް އަންގަވާފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގެ ދަށުން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒް މަހްމޫދް ސަލީމެވެ" ޕީޖީ އޮފީހުން ބުންޏެވެ.
ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް މިރޭގެ މަޖިލިސް ޖަލްސާގައި ވަނީ ޝަމީމް ވަކި ކުރަން ރައީސަށް ލަފާ ދޭން ވެސް ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓް ދެއްވިއެވެ.
މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްކޮށް ޝަމީމު މަގާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅި މައްސަލަތައް ދިރާސާ ކުރުމަށްފަހު، އޭނާ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައި ވަނީ މިއަދެވެ.
ކޮމިޓީން އެގޮތަށް ފާސްކޮށް ކޮމިޓީގެ ރިޕޯޓް ވަނީ މިއަދު މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. ޝަމީމު ވަކިކުރަން ކޮމިޓީން ފާސްކުރި ނަމަވެސް އެ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން މަޖިލީހުންވެސް ފާސްކުރަން ޖެހެއެވެ.
މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން ޝަމީމު މަގާމުން ވަކި ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.