ޚަބަރު

ތައުލީމީ ދާއިރާއަށް ލިބުނު 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހާއްސަ ޕްރޮޖެކްޓެއް އިފްތިތާހުކޮށްފި

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އިން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިން 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން "އެޑިއުކޭޝަން ޓްރާންސްފޯމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓު އިފްތިތާހުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އެޑިއުކޭޝަން ޓްރާންސްފޯމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

"އެޑިއުކޭޝަން ޓްރާންސްފޯމޭޝަން އިނީޝިއޭޓިވް" އަކީ ޖީޕީއީ އިން ރާއްޖޭގެ ތައުލީމީ ދާއިރާއަށް، ތަފާތު ތިން ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިއަން ޑޮލަރު (146.5 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެކެވެ.

އޭގެ ތެރެއިން ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ ފަސް މިލިއަން ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ. ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 1.5 މިލިއަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ. އަދި ތިންވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވޯލްޑް ބޭންކު ހަރަކާތެރިވާގޮތަށް ހަމަޖެހިފައިވާ ތިން މިލިއަން ޑޮލަރުގެ މަލްޓިޕްލަޔާ ގްރާންޓެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ އެހީއާއެކު ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށާއި ތައުލީމީ ދާއިރާގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ތައުލީމީ ފެންވަރު މަތިކޮށް، ގިނަ އަދަދެއްގެ ޓީޗަރުން ހޯދަން ޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތައް ތަރައްގީކުރުމާއި ތައުލީމީ ދާއިރާގެ ހުނަރުވެރިން އުފެއްދުމުގެ އިތުރުން ޓީޗަރުން ތަމްރީނުކުރުން ވެސް ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އެ ޕްރޮޖެކްޓުގެ ވެބްސައިޓާއި އަދި ޕޮރޮގްރާމު ޑޮކިއުމަންޓު ވެސް އިފުތިތާހުކޮށްދެއްވައިފައެވެ.