ޚަބަރު

މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 53 ޕަސެންޓު މަސައްކަތް ނިންމާލައިފި

ފާތިމަތު ލިޔުޝާ

ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 53 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތައް ކަމަށެވެ.

އެމްޓީސީސީގެ ބޮޑު ޖައްރާފާ މޮބިލައިޒްކޮށް، މަގޫދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އެ މަޝްރޫއުއަކީ 232.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތްތައް:

  • މަގޫދުއަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކުން
  • އެއާޕޯޓަށް ބޭނުންވާ 30.8 ހެކްޓަރުގެ ބިން ހިއްކުން
  • 1948 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން
  • 1665 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
  • 90 މީޓަރުގެ ގްރޮއިން ޖެހުން