އިބްރާހިމް ޒަކީ
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެންމެ ފާސްކޮށް އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްކޮށް ޕީޖީ ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ޖުޑިޝަރީ ކޮމިޓީން މީގެ ކުރިންވެސް ވަނީ ފާސްކޮށްފައެވެ.
މިމަހު 12 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުން އެގޮތަށް ފާސްކުރީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކޮމިޓީއަށް ހުށަހަޅުއްވައިގެންނެވެ.
ނަމަވެސް މަޖިލިސް ގަވާއިދުގައިވާގޮތުން އެދުވަހު ފާސްކުރި މައްސަލައިގެ ރިޕޯޓު ފޮނުއްވީ، މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އަށެވެ.
ގަވާއިދުގައިވާގޮތުގެމަތިން މަޖިލިސް ތަޅުމުގައި އެކަން އިއުލާން ކުރެއްވުމަށްފަހު އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މަޖިލިސް ރައީސް އެ މައްސަލަ މިމަހު 13 ވަނަ ދުވަހު މަޖިލިސް ރައީސް އަލުނުް ކޮމިޓީއަށް ފޮނުވިއެވެ.
ޝަމީމު މަގާމުން ވަކިކުރަން ކޮމިޓީން މިއަދު ފާސްކުރީ، މަޖިލިސް ރައީސް ކޮމިޓީއަށް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށްފަހުގައެވެ.
ޝަމީމު މަގާމުން ވަކިކުރުމަށް މެންބަރު ޝާހިދު ފޮނުއްވި ސީޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު، ހާމަކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު ވަނީ އަމަލުކުރައްވައިފައެވެ.
އެ ސިޓީގައި، މެންބަރު ޝާހިދު ވަނީ، ޕީޖީކަމުގެ މަގާމު ބޭނުންކޮށްގެން، ޝަމީމް ކުރައްވާފައިވާ ބައެއް ކަންކަންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރި ކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލުކުރެއްވި ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ.
"މި މައްސަލަ ފައިލްކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް،" ޝާހިދުގެ ސިޓީގައިވެއެވެ.
ޝާހިދު ވިދާޅުވީ، ކޯޓު އަމުރު ފޮނުވައިގެންވެސް، ހެކިބަސް ހޯދޭ ކަމަށާއި އެކަމަށް އިޖުރާއަތްތައް، ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ޝާހިދުގެ ސިޓީގައި ވިދާޅުވީ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ ޝަމީމް އަނބުރާ ގެންދެވީ، އެއިރު މަޖިލީހުގައި އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އޭނާ މަގާމުން ވަކިކުރުމަށް މައްސަލައެއް އެޖެންޑާކޮށްފައި އޮއްވައި ކަމަށެވެ. އަދި މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިއުމުން ޝަމީމު މަގާމުން ވަކިކުރަން ފެށި މަސައްކަތް އެމްޑީޕީން ހުއްޓައިލި ކަމަށްވެސް ވިދާޅުވިއެވެ.
އެ ސިޓީގައި އިތުރަށް ވަނީ ސަފާރީ ރޭޕް ކޭސް އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަކީވެސް، ޝަމީމް ޕީޖީކަމުގެ ނުފޫޒު ބޭނުންކޮށްގެން ކުރެއްވި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ.
މީގެ އިތުރުން ޝާހިދު ފާހަގަކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތުކުރައްވަމުންނެވެ.
އެ ތުހުމަތުތަކަށް ޖަވާބުދާރީވާން ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމަށްފަހު، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ފާސްކޮށްފައިވަނީ، އަށް މެންބަރުން ވޯޓު ދެއްވައިގެންނެެވެ. އޭނާ ވަކިކުރަން ތާއީދު ނުުކުރާ ކަމަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ.
ކޮމިޓީން ފާސްކުރި ނަމަވެސް އެ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން މަޖިލީހުންވެސް ފަސްކުރަން ޖެހެއެވެ. އެހެންކަމުން މިރޭ ބާއްވާ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާއަށް އެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.
މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން ޝަމީމު މަގާމުން ވަކި ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.