ޚަބަރު

މާލީ ސެކިއުރިޓީގައި އިންވެސްޓުކުރަން ބޭރުގެ ފަރާތްތަކަށް ލުއިދިނުމަށް ހުށަހެޅި ބިލު ފާސްކޮށްފި

އިބްރާހިމް ޒަކީ

މާލީ ސެކިއުރިޓީސްގައި އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކަށް ލުއި ލިބޭގޮތް ހެދުމަށް ވިޔަފާރި ރަޖިސްޓްރީ ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މާލީ ސެކިއުރިޓީޒްގައި އިންވެސްޓުކުރަން ބޭރުގެ ފަރާތްތަކަށް ލުއި ލިބޭގޮތަށް ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މާލީ ސެކިއުރިޓީސްގެ ބިލެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ސެކިއުރިޓީސްގައި އިންވެސްޓުކުރެވޭނެ ދާއިރާ ކަނޑައެޅުމާއި އެނޫންވެސް ކަމާގުޅޭ މައިގަނޑު އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

އެގޮތުން މާލީ ސެކިއުރިޓީސްއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، އަދި އެ ގާނޫނުން ހުއްދަކުރާ ބާވަތެއްގެ ސިކިއުރިޓީސްގައި ބޭރުގެ ފަރާތްތަކުން އިސްވެސްޓުކުރުމަށް މި ގާނޫނު ހުރަސް ނާޅާ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ނަމަވެސް ސެކިއުރިޓީސްގައި އިންވެސްޓްކުރަން އެދޭ ބޭރުގެ ފަރާތަކީ އިކުއިޓީގައި އިންވެސްޓުކުރަން އެދޭ ފަރާތެއް ނަމަ، ސެކިއުރިޓީސް މުއާމަލާތެއްގައި އެ ފަރާތަކުން ގަންނަ ހިއްސާގެ މިލްކުވެރިކަން 10 ޕަސެންޓަށްވުރެ އިތުރުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މާލީ ސެކިއުރިޓީގެ ބިލަށް ގެނައި އިސްލާހުގައި ވަނީ، ބޭރުގެ ފަރާތްތަަކަށް ރާއްޖޭގައި އިންވެސްޓުކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ހުއްދަކުރާ ބާވަތުގެ ސެކިއުރިޓީސްގައި، އެ ގަވާއިދުގައި ކަންޑައަޅާފައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން ބޭރުގެ ފަރާތްތަކަށް އިސްވެސްޓުކުރުމަށް ހުއްދަ ކުރެވޭނެ ސެކިއުރިޓީސް އާއި ސެކިއުރިޓީސްގައި އިންވެސްޓު ކުރެވޭނެ ދާއިރާ، ނުވަތަ ޝަރުތުތަކާއި، އިންވެސްޓުކުރާ ބޭރުގެ ފަރާތްތަކެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައްވެސް މި ބިލުގައި ވަނި ބަޔާންކޮށްފައެވެ.