ބުޅާ މަސް އެޅި ކާތަކެތި ވިއްކިތޯ ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވެއްޖެއެވެ.
ބުޅާ މަރައި، އޭގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ އެމްޑީ އަރަފާތު ހޮސެއިން 32އ ނަމަކަށް ކިޔާ ބިދޭސީއަކު މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހައްޔަރުކޮށް މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކޮށްފައެވެ.
އަރަފާތުގެ ކާބޯތަކެތި ތައްޔާރުކުރަނީ ވަރަށް ނުތާހިރުކޮށް، މުއްދަތުވެސް ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެންކަން "ވަން" އިން ވަނީ ކަށަވަރުކޮށްފައެވެ. އަދި އަރަފާތު ތަފާތު ވައްތަރުގެ ސަބްމެރިނާއި ބާގާ ފަދަ ތަކެތި އެކިއެކި ފިހާރަތަކަށް ވިއްކަން ލާކަން އެނގިފައިވެއެވެ. އޭގައި ބުޅާ މަސް އެކުލެވޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ، ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި އެއްވެސް ބާވަތެއްގެ ރިޕޯޓެއް ނުއެއް ނެތް، ޕަބްލިކް ކޮމްޕްލެއިނެއްގެ ގޮތުގައި އައިސްފައެއް، އެގޮތަށް ބުޅާ މަސް ބޭނުންކޮށްފައިވާ ކަމަށް އިންޓަވަލްއާއި އެ ނޫންވެސް ކަންކަމުގައި. އަދި އަޅުގަނޑުމެންނަށް އެނގިފައެއް ނެތް. ޝޯޝަލް މިޑިއާގައި ދެކެވޭ ވާހަކަތަކެއް ދެއްތޯ އެއީ، އަދި އަޅުގަނޑުމެންނަށް ކަށަވަރެއް ނޫން. އެހެން ނޫނަސް އެ ތަހުގީގު ކުރިއަށް އެބަދޭ. ވަރަށް ގާތުން އަޅުގަނޑުމެން ބަލަމުން ގެންދަން މިކަމާ ގުޅޭ އިދާރާތަކާ އެއްކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނސްޓަރު ވިދާޅުވީ، ތަހުގީގުތައް ނިނުމުން އެކަމުގެ އެންމެ ފުނަށް ފީނާނެ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާދަމާ ތަންފީޒުކުރަން ފަށާ ބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އެއްޗެއް އުފައްދާ މީހަކީ ރާއްޖެއިން ބޭރު މީހެއްނަމަ އެމީހާ ޑީޕޯޓްކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މިހާރު އޮންނަ ގޮތުން ކާބޯތަކެތި އުފައްދައި ކަންމަތީފިހާރައަށް ވިއްކާ މީހުންނަކީ ކޮބައިކަން ނޭނގޭތީ ޓްރެކް ނުކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރެއް ހޯދަންޖެހޭ ކަމަށާއި، ކޯޓު އަމަރު ހޯދައިގެން އެތަނަކަށްދާއިރު އެމީހަކު ތަން އެއްކޮށް ސާފުކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.