ދަތް އުނގުޅާ ބޭހުގެ ވައްތަރުތައް ގިނަ ކަމުން މިހާރު ދަތް އުނގުޅުމަށް ގަންނާނެ ބޭހެއް އިޚުތިޔާރުކުރުން ވެސް އޮންނަނީ އުނދަގޫ ވެފަ އެވެ.
ސޯލްޓް، އަންސޯލްޑަޓް، ހުދުވާ ޖެލް ހިމަނާފަ، މިނިޓް ހިމަނާފަ މިހެންގޮސް ތަފާތު ވައްތަރު ހުރެއެވެ.
ނަމަވެސް މި އާޓިކަލުގައި ބަލައިލާނީ ދަތް އުނގުޅާ ބޭސް ދަތް އުނގުޅުމަށް ބޭނުން ކުރުމާ ބެހޭ ގޮތުންނެއް ނޫނެވެ. ދަތް އުނގުޅާ ބޭހަކީ ބިއުޓީ ރޫޓިންގައި ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.
ދަތްއުނގުޅާ ބޭސް ފޭސް ޕެކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. އެގޮތުން މޫނު ރީތިކޮށް ސާފުކޮށް ދޮވުމަށްފަހު ހިއްކައިލުމަށްފަހު މުޅި މޫނާއި ކަރުގައި ތުނިތުނިކޮށް ބޭސް ހާކައިލާށެވެ. ފަނަރަ މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ބޭސް ހާކާފައި ހުންނައިރު ދިލަ އާތްވެއް ހުންނާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ.
ދަތް އުނގުޅާ ބޭސް ފޭސް ޕެކެއްގެ ގޮތުގައި ބޭނުން ކުރުމުން މޫނުގައި ހުންނަ ޕޯރސްތައް ބަންދުކޮށްދެއެވެ. ހަމަ އެއާއެކު މޫނުގެ ހަންގަނޑު ވާންކޮށްދީ އުޖާލާކަން މޫނަށް ގެނެސްދެއެވެ. މިގޮތަށް ބޭނުން ކުރުން އެންމެ ރަނގަޅީ ހާރބަލް ދަތް އުނގުޅާ ބޭހެވެ. ހާއްސަކޮށް ކަރަންފޫ އަދި މާމުއި އަޅާފައި ހުންނަ ބޭހުން ލިބޭ ފައިދާ ވަކިން ބޮޑެވެ.
ވައިޓްނިން މާއްދާ ހުންނަ ދަތް އުނގުޅާ ބޭހަކީ އަވިން ހަންގަނޑު އަނދާފައިވާ ނަމަ އެއިން ރައްކާތެރިކޮށްދީ ހަމަށް އުޖާލާކަން ގެނުވައިދޭނެ އެއްޗެކެވެ.
މިކަމަށް ޕޭސްޓެއް ތައްޔާރު ކުރުމަށް ބޭސްކޮޅެއް ތަށްޓަކަަށް އެޅުމަށްފަހު އެއާ ލުނބޯ ހުތް އެއްކޮށްލާށެވެ. މި ތައްޔާރު ކުރެވުނު ޕޭސްޓް، އަވިން ހަންގަނޑު އަނދާފައި ހުރި ހުރިހާ ތާކު އުނގުޅައިލާށެވެ. އެއީ މޫނާއި ކަރާއި އަތާއި ފައިވިއަސް ރަނގަޅުވާނެއެވެ. ބައިގަޑިއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ.
މި ޓްރީޓްމަންޓް އަނދާފައިވާ ހަންތައް ރަނގަޅުވަންދެން ހަފްތާއަކު ތިން ދުވަހު ބޭނުން ކުރެވޭނެއެވެ.
ދަތްއުނގުޅާ ބޭސް ބޯކޮށް ނޭފަތުގައި ވަކިން ހާކާލާށެވެ. ހޭކި ބޭސް ހިކުމުން ދަތްއުނގުޅާ ބުރުހަކުން އެބޭސްތައް ވަށްކޮށް ވާނެހެން ނޭފަތުގައި ހާކަމުން ބޭސްތައް ފުހެލާށެވެ. މީގެ ސަބަބުން ނޭފަތުގައި ނަގާ ބްލެކްހެޑްސް ނައްތާލެވި ބަންދުވެފައިވާ ޕޯސްތައް ސާފުވެގެން ދެއެވެ.
ދަތްއުނގުޅާ ބޭސް ނިޔަފަތީގައި ހާކާލާށެވެ. އަދި 15 މިނިޓް ބެހެއްޓުމަށްފަހު ބުރުހަކުން ފޮލެހާށެވެ. އެއަށް ފަހު ނިޔަފަތީގެ ކިއުޓިކަލްސް ސާފު ކުރުމަށްފަހު ނިޔަފަތިތައް އޮމާންކޮށްލާށެވެ. މިހާރު ހުންނާނީ ހުދު، ވިދާ ނިޔަފަތިތަކެއް ލިބިފައެވެ.