ޚަބަރު

އޯއައިސީގެ އިސްލާމިކް ފިގުހު އެކަޑަމީގެ މެންބަރު ކަމަށް ޝަހީމް އައްޔަންކުރައްވައިފި

މުހައްމަދު އިޝާން

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ޝަހީމު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ.

"އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފި،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޝަހީމު ވަނީ މީގެ ކުރިން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމާއި އޯއައިސީގެ "ވޮއިސް އޮފް ވިސްޑޮމް ސެންޓާ"ގެ ވެރިޔާގެ މަގާމު އަދާކުރައްވައިފައެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެ ޔުނިވާސިޓީގެ ޗާންސެލަރުކަމުގެ މަގާމު ވެސް ޝަހީމް ވަނީ މީގެ ކުރިން އަދާކުރައްވައިފައެވެ. އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝްރިފް މުސާއިދުކަމާއި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާގެ ފައުންޑިން ޑީންކަމުގެ މަގާމު ވެސް އަދާކުރެއްވިއެވެ.