ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮޅުފުށީ ކައުންސިލާ ރައީސް ސޯލިހު ބައްދަލުކުރައްވަވައިފި

މަރިޔަމް ޝަހުދާ

މ. ކޮޅުފުށީ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކޮޅުފުށީގެ ކައުންސިލުން ވަނީ އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށްދެއްވުމަށާއި ރަށުގެ ޒުވާނުންނަށް ރަށާއި ކައިރިން ފަސޭހައިން ވަޒީފާ ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ފަތުރުވެރިކަމުގެ ސިނާއަތް ގާއިމްވެފައި ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކުރުމަށް އިސްކަމެއް ދެއްވާނެކަން ރައީސް ސޯލިހު ފާހަގަކުރެއްވީ ކައުންސިލްގެ މި ކަންބޮޑުވުމާއެކުއެވެ.

ކޮޅުފުށީ ކައުންސިލުން ވަނީ އެ ރަށަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލަ ފާހަގަކޮށް އެކަމަށް ހައްލު ހޯދުމަށް ސަރުކާރުގެ އެހީއަށް އެދެވަޑައިގެންފައެވެ. އަދި ރަށުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ރައީސް ސޯލިހާ ހިއްސާކުރެއްވިއެވެ.

ރަށުގައި ހުރި މައްސަލަތަކުގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށަށް ދިމާވެފައިވާ މައްސަލަތައްވެސް މި ބައްދަލުވުމުގައި ކޮޅުފުށީ ކައުންސިލުން ވަނީ ރައީސް ސޯލިހާ ހިއްސާކުރައްވައިފައެވެ. އެގޮތުން ކޮޅުފުށީގެ އިތުރުން އެ އަތޮޅު ދިއްގަރާއި، މުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކޮޅުފުށީ ކައުންސިލުން އެދިފައިވެއެވެ. އަދި ނާލާފުށީގެ ބަނދަރު ފުންކޮށްދެއްވުމަށް ރައީސްގެ އަރިހުން ކޮޅުފުށި ކައުންސިލުން އެދިވަޑައިގަތެވެ.

ރައީސް ސޯލިހު ވިދާޅުވީ ކައުންސިލުން ހިއްސާ ކުރެއްވި މައްސަލަތައް މިނިސްޓްރީތަކާ ހިއްސާ ކުރައްވައި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.