އެފްއޭއެމް

ޒުހޫރުގެ ހާއްސަ އިންޓަވިއު: ބަދަލުތައް ގެނެވޭނެކަމުގެ ޔަގީންކަން އެބައޮތް، ފައިސާހޯދުން އަވަސްކުރާނަން

މުޙައްމަދު ޝަމްޢޫން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޒިންމާތަކުގެ ތެރެއިން މިވަގުތަށް އެންމެ އިސްކަމެއް ދޭނީ ހުއްޓިފައި އޮތް ފުޓުބޯޅަ އަލުން ހިނގައިގަންނަވަރު ކުރުމަށް ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވާ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ޒުހޫރު "ވަން ސްޕޯޓްސް"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ ކުރިއަށް އޮތް ހަފުތާ ތެރޭގައި ރަސްމީކޮށް މަސައްކަތްތަކާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. ފީފާގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައި، މަސައްކަތް ރަސްމީ ވާނީ އަންނަ ހަފުތާ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހިސާބުން ފީފާއިން ހަވާލުކޮށްފައިވާ މެންޑޭޓުގައި ހިމެނޭ މަސައްކަތްތައް ކުރައްވަން އަވަހަށް ފައްޓަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ ފުޓުބޯޅަ މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ފުޓުބޯޅަ މިހާރު އޮތީ ހުރިހާ ގޮތަކުންވެސް ހުއްޓިފައި ކަމަށެވެ. އެގޮތުން ފުޓުބޯޅައަށް އެއްވެސް ފަންޑެއް ލިބޭނެ ގޮތެއް މިވަގުތު ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފުޓުބޯޅަ މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް އެނގޭ. ފުޓުބޯޅަ މިވަގުތު އޮތީ ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑަށް ހުއްޓިފައި. އޭގެ ތެރެއިން އެއް ކަމެއް އެއީ ފުޓުބޯޅައަށް އެއްވެސް ފަންޑިންނެއް ލިބޭނެ ގޮތެއް މިވަގުތަކު ނެތުން. ފުޓުބޯޅައަށް ސަރުކާރާއި ފީފާއިން ދޭ ފަންޑިންވެސް އޮތީ ހުއްޓާލާފައި. އެހެންވީމަ އެންމެ ފުރަތަމަ ކަމަކަށްވެސް ފަންޑިންނަށް މަޝްވަރާތަކެއް ކޮށް، އެކަމަށް ކޯޑިނޭޓް ކުރަން އެބަ ޖެހޭ. އެއީ އެންމެ މުހިއްމު އެއް މަސައްކަތް،" ކުރިން ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގައިވެސް މަސައްކަތް ކުރެއްވި ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު އިތުރަށް ވިދާޅުވީ ފުޓުބޯޅަ ހިނގަން ފެށުމާއެކު ހިންގާ ގަވާއިދަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް އެފްއޭއެމްއަށް ގެންނަން ވިސްނުން ހުރި ކަމަށެވެ. އެކަމުގައި ވަރަށް ރަނގަޅަށް ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހިމަނުއްވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު އޮތް ހާލަތުން ވަރަށް ރަނގަޅަށް ސްޓޭކްހޯލްޑަރުންނާ ވާހަކަ ދެކެވެން އެބަޖެހޭ. އޭގެ ތެރޭގައި ސްޕޮންސާޝިޕް ދޭން ތިބި ފަރާތްތައްވެސް ހިމެނޭ. އޭގެ ތެރޭގައި ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާވެސް މުހިއްމު މަޝްވަރާތަކެއް ކުރަން އެބަޖެހޭ. އަދި ހަމައެއާއެކު އެންމެ ބޮޑު އެއް ސްޓޭކްހޯލްޑަރު އެއީ ކްލަބުތައް. ފުރަތަމަ ޑިވިޝަނާއި އެހެން ހުރިހާ ޑިވިޝަނެއްގެ ކްލަބުތަކާވެސް މަޝްވަރާކޮށް، ފުޓުބޯޅައާ ގުޅުންހުރި އެހެން ޖަމިއްޔާތަކާއި ޖަމާއަތްތަކާވެސް މަޝްވަރާކޮށް، އެފަރާތްތަކުން ގެންނަން ބޭނުންވާ ކަންކަމަށް އިސްކަން ދިނުމަށް ވިސްނާނަން. އަދި ފީފާއާވެސް ރަނގަޅަށް ކޮމިއުނިކޭޓް ކުރެވި، ފީފާއިން ބޭނުންވާ ކަންކަމަށް އިސްކަން ދޭން ވިސްނުން މިހުރީ،" ޒުހޫރު އިތުރަށް ވިދާޅުވިއެވެ.

ޒުހޫރު ފާހަގަކުރެއްވީ ރާއްޖޭގެ ފުޓުބޯޅަ އަވަހަށް ހިނގައިގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެކަމަކީ ޗެލެންޖިން މަސައްކަތެއް ނަމަވެސް، އެ ޗެލެންޖްތަކާ ކުރިމަތިލައްވައި، ބަދަލު ގެނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑާ ހިސާބަށް ފުޓުބޯޅަ މިއައީ ވަރަށް ހާލަތު ގޯސްވެގެން ދެއްތޯ. އެހެންވީމަ އެހިސާބުން އެބަ އެނގޭ ފުޓުބޯޅަ އޮތް ހާލަތު. ދެން އަޅުގަނޑާ ހިސާބަށް މި އައީ ކަންކަން ރަނގަޅު ކުރަން ޖެހިފައި އޮތުމުން. އެހެންވީމަ އެކަމަކީ ޗެލެންޖިން މަސައްކަތެއް ނަމަވެސް، އަޅުގަނޑުގެ ވިސްނުމަކީ އެ ޗެލެންޖްތަކާ ކުރިމަތިލައިގެން ހައްލު ހޯދުން. އެ ޗެލެންޖްތަކާ ކުރިމަތިލައިގެން ހައްލު ހޯދައިގެން ކުރިއަށްދާން ވިސްނުން މިހުރީ. ރާއްޖޭގެ ފުޓުބޯޅަ އަލުން ހިނގައިގަނެ، ފަންޑިން ހޯދުމުގެ އިތުރުން ގެއްލިފައިވާ ފައިސާ އަލުން ރިކަވާކުރުމާއި، އެފްއޭއެމްގައި މިހާރު އޮތް ދަރަނީގެ މައްސަލައަށްވެސް ހައްލު ހޯދުމަށް މަސައްކަތްތައް ވީ އެންމެ އަވަހަކަށް ކުރަމުންދާނަން،" ޒުހޫރު "ވަން ސްޕޯޓްސް"އަށް އިތުރަށް ވިދާޅުވިއެވެ.

ފީފާއިން ރާއްޖޭގެ ފުޓުބޯޅަ އިދާރާ ނޯމަލައިޒް ކުރަން ނިންމާފައި ވަނީ ޖުލައި 24 ވަނަ ދުވަހު ނިންމި ނިންމުމަކާއެކުގައެވެ. ފީފާއިން ރާއްޖޭގެ އެފްއޭ ނޯމަލައިޒް ކުރަން ނިންމާފައި ވަނީ މަސައްކަތްތައް ނިމެންދެންނެވެ. އެހެން ނަމަވެސް، އެންމެ ލަސްވެގެން ވެސް އެ މަސައްކަތްތައް 31 ޖުލައި 2025 ގެ ކުރިން ނިންމަން ފީފާއިން ޝަރުތު ކޮށްފައިވެއެވެ.

ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއާ މަތިކޮށްފައިވާ ޒިންމާތައް އިންތިހާއަށް ބޮޑެވެ. އެގޮތުން އެފްއޭއެމްއިން ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ އިތުރުން، އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސްއާ އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރު ކުރުން ހިމެނެއެވެ. އަދި އޭގެ އިތުރުން ކުރިން އެފްއޭއެމްގައި ތިބި އިސްވެރީންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީން ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ ފީފާއިން މަތިކޮށްފައިވެއެވެ.

އޭގެ އިތުރުންވެސް ފީފާއިން އައްޔަން ކޮށްފައިވާ ފީފާގެ ފޮރެންސިކް އޯޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުމާއި އެކްސްޓާނަލް ފައިނޭންޝަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނި ރީސްޓްރަކްޗާ ކުރުންވެސް ނޯމަލައިޒޭޝަން ކޮމިޓީއާ ވަނީ މަތިކޮށްފައެވެ. އެފްއޭއެމްގެ އިންތިހާބު އާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބާއްވައި އެގްޒެކެޓިވް ކޮމިޓީއެއް ހޮވުމަށްވެސް އެފްއޭއެމްއިން ފީފާއަށް ވަނީ އަންގައިފައެވެ.

އެއީ ބުރަ މަސައްކަތެއްގެ ގޮތުގައި ވެގެންދާނެއެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ އިރު، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މިހާރު ވެސް ހުންނެވީ ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައެވެ. މިދިޔަ މަހު ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީންނެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ އާޓިކަލް 86 އަކަށް ރިއާޔަތް ކޮށެވެ.

އެފްއޭއެމްއަށް ދެމުން އަންނަ ފީފާގެ ޑިވެލޮޕްމެންޓް ފަންޑުވެސް ވަނީ މާޗު މަހުން ފެށިގެން ހުއްޓާލައިފައެވެ.

ޒުހޫރާއެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ފީފާއިން ނޮމިނޭޓް ކޮށްފައިވާ ނަންތަކަކީ ނެކްސިއާ މޯލްޑިވްސްގެ ކޯ ފައުންޑަރު، އަދި މެނޭޖިން ޕާޓްނަރު ފަރީހާ ޝަރީފާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަލްއުސްތާޒު އަހްމަދު މުއިއްޒު އަދި އިސްމާއީލް ސިމަންއާއި އަހުމަދު އަލީއެވެ. އޭގެ ތެރޭގައި ގޫނޫނީ ނަންތައް ގިނަކަން ފާހަގަކޮށްލަން ޖެހެއެވެ.

ޒުހޫރުގެ ތައުލީމީ ދާއިރާތަކާއި މަސައްކަތްތަކަށް ކަޅިއެއް

  • މާސްޓާސް އޮފް އެކައުންޓިން އެންޑް ފައިނޭންޝަލް މެނޭޖުމަންޓް - ލަ ޓްރޯބޭ ޔުނިވާސިޓީ، އޮސްޓްރޭލިއާ
  • މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން - ލަ ޓްރޯބޭ ޔުނިވާސިޓީ، އޮސްޓްރޭލިއާ
  • މާސްޓާސް އޮފް ސައިންސް އިން މެރިޓައިމް އެފެއާޒް - ވޯލްޑް މެރިޓައިމް ޔުނިވާސިޓީ، ސްވިޑެން
  • ސެޓިފިކޭޓް އޮފް ކޮމްޕެޓެންސީ - މެރިން އިންޖިނިއާ ކްލާސް ވަން - އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީ
  • އިންޖިއާ ކްލާސް ވަން - ރޯޔަލް މެލްބާން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އޮސްޓްރޭލިއާ
  • އެސްޓީއޯ ޖެނެރަލް މެނޭޖަރު/ 1998- 2010
  • މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލް/ 2014-2015
  • ހެލްތު މިނިސްޓަރުކަން/ 2015
  • ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން/ 2015-2016
  • ހޯމް މިނިސްޓަރުކަން/ 2016
  • ރައީސް އޮފީހުގެ މިނިސްޓަރުކަން/ 2016-2017
  • ސްޓެލްކޯގެ ސީއީއޯ އަދި ބޯޑު ޑިރެކްޓަރުކަން/ 2017-2018
  • އުރީދޫގެ ބޯޑު ޑިރެކްޓަރުކަން/ 2017-2019
  • އެޗްޑީސީގެ ޗެއާމަންކަން. 2024
  • މެރިޓެކް މެނޭޖުމަންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން/ 2002 - މިއަދާ ހަމައަށް