ހަކަތަ ސަމަކާރަ ތަކެތި ނުވަތަ ''އެނާޖީ އެފިޝެންޓް'' ތަކެތި ބޭނުން ކުރަން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެމަސައްކަތް ކުރުމަށް ތިން ޔޫޓިލިޓީ ކުންފުންޏަކަށް ހަވާލުކުރުމަށް މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ރާއްޖޭގައި ކަރަންޓު ބޭނުން ކުރާ މިންވަރު އަންނަނީ %9 އާއި %11 އާދެމެދުގެ އަދަދަކަށް އިތުރުވަމުންނެވެ. އަދިކޮންމެ އަހަރަކު ސަރުކާރުން ބިލިއަނެއްހާ ރުފިޔާ ކަރަންޓު ސަބްސިޑީގެ ގޮތުގައި ހަރަދު ކުރާއިރު އިސްރާފު ނުވާނެހެން ކަރަންޓު ބޭނުން ކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
ކަރަންޓު ހަރަދު ކުޑަކޮށް ކަރަންޓުން އިސްރާފު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެން، މިނިސްޓަރު ވިދާޅުވީ ބޭނުން ނުކުރާނަމަ ކަރަންޓުގެ އެކި އާލާތްތައް ޖައްސާފައި ނުބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގެއަށް ކަރަންޓު ސާމާނު ގަންނައިރު ހަކަތަ ސަމަކާރަ ނުވަތަ ''އެނާޖީ އެފިޝެންޓް'' ތަކެތި ގަތުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. މިގޮތަށް ކަން ކުރުމުން ކަރަންޓުގެ އިސްރާފާ ހެދި އިސްރާފުވެގެންދާ ފައިސާ ސަލާމަތްވެ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަށް ހަރަދު ކުރަން ހުންނާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ހުސެއިން ވިިދާޅުވީ ކޮންމެ އަހަރަކު ކަރަންޓު ބޭނުން ކުރާ އަދަދު އިތުރުވާނަމަ އެކަން ފަރުޖެއްސޭނީ ކަރަންޓު އިސްރާފު ނުވާނެހެން އަހަރެމެންގެ އަމަލުތައް ބައްޓަންކޮށްގެންކަމަށެވެ. އަދި އަހަރެމެންގެ ކިބައިގައިވާ ކަރަންޓު ބޭނުންކުރުމުގެ އަހުލާގު އިސްލާހު ކުރަން ޖެހޭކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ހަކަތަ އިގްތިސާދުކުރުމަށް ހަކަތަ ސަމަކާރަ ލޭބަލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބިލްޑިންގ ކޯޑަށް ބޭނުންވާ ކޮމްޕްލަޔަންސް ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން ހަކަތަ ސަމަކާރަ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމް ހިންގަމުންއަންނަ ކަމަށެވެ.