ޚަބަރު

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5،000 ރުއް ގެނެސްފި

މުހައްމަދު އިޝާން

ރާއްޖޭގެ ރުއްތަކަށް ބައްޔެއް ޖެހި، ކާށި ލިބުން ދަތިވެފައިވާތީ ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ރުއްގަސް އެތެރެކޮށްފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން އިއްޔެ ބޭއްވި "ގަސްތަކަށް ޖެހިފައިވާ ބަލިތަކަށް ހޯދުމުގެ މަޝްވަރާ"ގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހުސެއިން ވިދާޅުވީ ރުއްގަސްތަކަށް ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއަށް 5,000 ރުއްގަސް އެތެރެކޮށްފައިވާ ކަމަށެވެ.

"މި ރުއްތައް މިވަގުތު ހުރީ އަޅުގަނޑުމެންގެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނުކޮށްފައި. އަޅުގަނޑުމެން މިހާރު މި ބަލަނީ އެތެރެކުރި ރުއްތަކުގައި އެއްވެސް ބައްޔެއް ހުރިތޯ، ބަލާފައި ރަށްރަށުގެ ކައުންސިލަށް ދޫކުރާނީ،" ޑރ. ހުސެއިން ވިދާޅުވިއެވެ.

ރާއްޖެއަށް 5،000 ރުއްގަސް އެތެރެކޮށްފައިވަނީ ކޮން ގައުމަކުން ކަމެއް މިނިސްޓަރު ވިދާޅުފައެއް ނުވެއެވެ.

ރުއްގަސްތަކުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަމުގެ މައުލޫމާތު ދިނުމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ މީގެ ކުރިން އެދިފައެވެ.

ރާއްޖޭގައި ރުއްގަސް އާލާކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން މީގެ ކުރިން ވަނީ މެލޭޝިއާއިން ވެސް ރުއްގަސް އެތެރެކޮށްފައެވެ.