ޚަބަރު

ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމުގެ އަގު 5 މިލިއަން ޑޮލަރަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

2

ރިސޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް މިހާރު ދައްކަން އޮންނަ އަގު ފަސް މިލިޔަން ޑޮލަރަށް ކުޑަ ކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހު ގެންނަން ސަރުކާރުން ފޮނުވީ، ރިސޯޓު ހިންގަން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ދޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކޮށް، ކުޑަ އަގު ދައްކައިގެން މުއްދަތު އިތުރުކުރެވޭ ގޮތް ހެދުމަށެވެ.

މި ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން، ބިލް ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި، އެކަން ކުރިއަށް ގެންދިޔައީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

ސަރުކާރުން ފޮނުވިގޮތަށް ބަދަލެއް ނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީން ބިލް ފާސްކުރި ނަމަވެސް މިއަދު މަޖިލިސް އިން ބިލް ފާސްކުރީ ދެ އިސްލާހަކާ އެކުގައެވެ.

ޓޫރިޒަމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ޓޫރިޒަމް ބޭނުމަށް ކުއްޔަށް ނަގާފައިވާ ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރު ކުރާނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 ޑޮލަރު ދައްކައި، މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ނަމަވެސް ގާނޫނަށް މިގެނައި އިސްލާހާ ގުޅިގެން މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް އެދި ފައިސާ ދައްކަން ޖެހޭނީ އެއްފަހަރާ ފައިސާ ދައްކަން އެއްބަސްވާނަމަ، މިހާރު ދައްކާ މިންވަރުގެ ދެބައިކުޅަ އެއްބައެވެ. އެއީ އިތުރުވާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދެއްކުމާ އެކު ކުއްޔައްނެގި މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދެއްކުމެވެ.

ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަސް ވޭތުވުމަށްފަހު، މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 10،000،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެންނަ މި އިސްލާހުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ އިންވެސްޓަރުންނަށް ޓޫރިޒަމް ބޭނުމަށް ނަގާފައިވާ ރަށެއް ނުވަތަ ރިސޯޓެއް ކުއްޔަށް ނަގާފައިވާ މުއްދަތު އިތުރު ކުރުމަށް ފަހި ފުރުސަތެއް ހޯދައިދިނުން ކަމަށެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތާ ރަށް ނުވަތަ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން މީލާދީ 50 އަހަރު ދުވަހަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟