ޚަބަރު

ސްކޭމް ހުއްޓުވުމަށް ކޯޓު އަމުރަކާ ނުލައި ބޭންކު އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދެނީ

އިބްރާހިމް ޒަކީ

ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ކޯޓު އަމުރަކާ ނުލައި ބޭންކު އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައެވެ. އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ބިލުން އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާ އިން މުއާމަލާތް ކުރުން ހުއްޓުވުމާ ގުޅޭ ގޮތުން އޮތް 73 ވަނަ މާއްދާއަށެވެ.

ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ކަމަށްވާނަމަ، އެ އެކައުންޓުގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާ އިން މުއާމަލާތް ކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެ ކަމަށެވެ.

އެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ނެރޭ މޮނިޓާ ކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ނުވަތަ މަކަރާއި ހީލަތުން ނުވަތަ ސްކޭމްއަކުން އެކައުންޓުގެ ވެރިފަރާތައް އޮޅުވާލައިގެން ފައިސާ ނަގަމުންދާކަން ފާހަގަވާނަމަ އަދި އެކަމަށް ބާރުދޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ އެ އެކައުންޓުގައިވާ ފައިސާއާއި ކުށްކުރުމަށް ފައިސާ ޓްރާންސްފާ ކުރި އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާ އިން މުއާމަލާތް ކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެ ކަމަށެވެ.

އެގޮތަށް ކޯޓު އަމުރަކަށް އެދޭ ހާލަތުގައި ކޯޓު އަމުރާމެދު ގޮތެއް ނިންމުމަށް ކޯޓުން ހޭދަވާ މުއްދަތުގައި އެކައުންޓުގެ ވެރިފަރާތް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަަށް ނުވަތަ ފައިސާ ޓްރާންސްފާ ކުރި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާ އިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތަށް ނެރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އިސްލާހުގައި ބުނެފައިވަނީ އެގޮތަށް އެކައުންޓް ހުއްޓުވުމުގެ އަމުރެއް ނެރެންވާނީ ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަަމަށާއި އެކައުންޓް ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓް ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އަންގަންވާނެ ކަމަށެވެ.

މި އިސްލާހު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ވަނީ ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓްތަކުގައި ދައުރުވާ ފައިސާ، ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީގައި އެދިފައިވުމެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އެކުލެވިފައިވާ ގޮތަށް ބަލާއިރު، ކުށް ކުރާ ކަމަށް ތުހުމަތު ކުރެވިގެން އެކަމުގައި ބައިވެރިވާ ފަރާތްތަކުގެ އެކައުންޓުތަކުގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދުމުގެ ފުރުސަތު ގާނޫނުގައި އޮތް ނަމަވެސް ކުށް ކުރުމަށް ބޭނުންކުރާ ތިންވަނަ ފަރާތުގެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގެ ފުރުސަތު ނޯންނަ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މައިޔަމް ރަޝީދާ ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުގައި ވިދާޅުވެފައެވެ.

އެހެންކަމުން މިކަމަކީ ސްކޭމްގެ މައްސަލަަ ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބްސިކުއެންޓް އެކައުންޓްތަކުގައި ފައިސާ ހޯލްޑް ކުރެވޭނެ ނުވަތަ ހިފެހެއްޓޭނެ މެކޭނިޒަމެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ފޯރުކޮށްދިނުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ، ސްކޭމްގެ މައްސަލަ އާންމުވަމުންދާ ނިސްބަތަށް ބަލާއިރު، އެކަމަކީ ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމަަކަށްވުމާއި ސްކޭމްގެ މައްސަލަތަކުގައި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް ފުރުސަތު ފަހިކޮށްދިނުމަށާއި އެ އަމުރު ނެރެން ހޭދަވާ މުއްދަތުގައި ސްކޭމްގެ ކުށް ހިންގުމުގައި ހިމެނޭ އެކައުންޓުތަކުގައިވާ ފައިސާ ވަގުތީ ގޮތުން ހިފަހައްޓައި އޭގެ އަސްލު އޮޅުވާލިޔަނުދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ފުލުހުންގެ ފަރާތުން އެދޭ ފަދަ ގާނޫނީ ހައްލެއް ހޯދައިދިނުމެވެ.