ޚަބަރު

ލޭނު މަސްވެރިކަން ކުރުމަށް ދިން ހުއްދަ ބަދަލުކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރު ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި ކަމަށް ބުނެ، ލޭނު މަސްވެރިކަން ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަކީ ވަރަށް ގިނަ ކަންތައްތަކަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.

އެގޮތުން އެކަމުގެ ހުއްދައާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެންދާނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ކަމަށާއި އެހެންކަމުން މި ކޯޓާ ހޯދުމުގެ ފުރުސަތު ދިވެހި އާންމު މަސްވެރިންނަށް ނުލިބުމުގެ ނަތީޖާއަކަށްވާނީ އެ މީހުންގެ އާމްދަނީއަށާއި ވިޔަފާރިއަށް ބުރޫ އެރުން ކަމަށްވެސް ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ، ކޯޓާ އުސޫލުން ލޭނު މަސްވެރިކަން ކުރެވޭ އުސޫލުތައް ކަނޑައެޅުމަކީ އެ ކޯޓާގެ ކަޅު ބާޒާރެއް އުފެދިގެން ދިއުމަށް ނުސީދާ ގޮތެއްގައި ހުޅުވާލެވޭ މަގެއް ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިކަމުގެ މާކެޓް މޮނޮޕޮލައިޒް ކުރުމުގެ ބިރުވެރިކަން އެބަ އޮތް ކަމަށެވެ. އަދި އާހިރުގައި މިކަމުގެ މާލީ ގެއްލުން ތަހައްމަލުކޮށް މަސައްކަތުގެ ހަމަ އަގު ނުލިބި ތިބެން ޖެހޭނީ އާންމު މަސްވެރިންނާއި އެ މީހުންގެ އާއިލާތައް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލޭނު މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވެއްޓަށާއި ތިމާވެއްޓަށް އަދި ފަތުރުވެރިކަމުގެ ސިޔާސަތަށްވެސް ދިގުރާސްތާގެ ފޫނުބެއްދޭވަރުގެ ގެއްލުންތަކެއްވާނެ ކަމަށެވެ. އެގޮތުން ލޭނު މަސްވެރިކަމުގެ ސަބަބުން މިޔަރާއި ވެލާ ކަނހަބާއި އެއްމަޑި ފަދަ ހިމާޔަތް ކުރެވިފައިވާ ނުވަތަ ނެތި ދިއުމުގެ ނުރައްކާ ކުރިމަތިވާއިރު، ކަނޑުގެ ދިރުންތައް ހިފުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ، މިފަދަ ދިރުންތަކުގެ އާބާދީ މަދުވުމަކީ އެކި ދާއިރާތަކުން އޭގެ ސީދާ އަދި ނުސީދާ ގެއްލުން ރާއްޖެއަށް ކުރާނެ ކަމެއް ކަމަށާއި މިއީ ދިގުރާސްތާގައި ކަނޑުއަޑީގެ އީކޯ ސިސްޓަމް ނެތި ފަނާކޮށްލުމަށް މަގުފަހިވެ އެއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުންވާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއިން އެކްސްޕޯޓްކުރާ މަސްވެރިކަމުގެ ބާވަތްތަކަށް ދެވިފައިވާ ލޭބަލް ގެއްލިގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ގާނޫނާއި ހިލާފު ހަރަކާތްތައް އިތުރުވުމުގެ ބިރު އެބަ އޮތް ކަމަށާއި ރާއްޖޭގެ ކަނޑުގެ ވެއްޓަށާއި ތިމާވެއްޓަށް ފޫ ނުބެއްދޭވަރުގެ ގެއްލުންވާނެ ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ ހުށަހެޅުމުން ބަހުސް ކުރަންފެނޭތޯ ނެގި ވޯޓުގައި ޖަލްސާގައި އެ ވަގުތު ތިއްބެވި 61 މެންބަރުންގެ ތެރެއިން މައްސަލަައަށް ބަހުސްކުރަން ވޯޓު ދެއްވީ 11 މެންބަރުންނެވެ. މައްސަލަ މަޖިލީހުން ބޭރުކުރީ އެއާ ދެކޮޅަށް 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ.