ޚަބަރު

ޖުލައި މަހު ބޭނުންކުރެވޭ ރިޒާވްގައި 45 މިލިއަން ޑޮލަރު ހުރި، ހެޔޮ ބަދަލުތަކެއް އަންނާނެ: އެމްއެމްއޭ

މިދިޔަ ޖުލައި މަސް ނިމުނުއިރު، ވަގުތުން ވަގުތަށް ބޭނުންކުރެވޭ ރިޒާވްގައި 45 މިލިއަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

ބޭނުންކުރެވޭ ރިޒާވުގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމަށެވެ.

ބޭނުންކުރެވޭ ރިޒާވާ ބެހޭ ގޮތުން އެމްއެމްއޭ އިން ވާހަކަ ދައްކާފައި މިވަނީ، އެ ރިޒާވް މި މަހު ހުސްވާނެ ކަމަށް ލަފާކޮށް އެމްއެމްއޭ އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

އެ ސިޓީއާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ ބޭނުން ކުރެވޭ ރިޒާވް 17.6 މިލިއަން ޑޮލަރަށް މިދިޔަ މަހު ދަށްވާނެ ކަމަށެވެ.

ނަމަވެސް އެމްއެމްއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާއި ގުޅިގެން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއެކު 2019 ވަނަ އަހަރުވި އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެމްއެމްއޭ އިން ބުނީ، މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް 65 މިލިއަން ޑޮލަރު ހުރި އިރު، މި އަހަރުގެ ޖުލައި މަހު ޖުމުލަ ބޭނުންކުރެވޭ ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރި އަދަދުގައި އެސްޑީއެފްގައި ހުރި އަދަދު ނުހިމެނޭ ކަމަށް ބުންޏެވެ.

"އެސްޑީއެފަށް ޖަމާކުރެވޭ ބޭރު ފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ އަދަދު ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރުވެގެން ދާނެ އެވެ،" އެމްއެމްއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

އެމްއެމްއޭ އިން އިތުރަށް ބުނީ، ރާއްޖޭގެ ޓޫރިޒަމާއި ގުޅިފައިވާ އިންޑަސްޓްރީތަކުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރިން ލަފާކުރި ގޮތާ ހިލާފަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަންދާޒާ ކުރާތީ އޭގެ ހެޔޮ ބަދަލު ރިޒާވަށް ކުރާނެ ކަމަށެވެ.

އަދި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޭނުންވާ ފައިނޭންސިން ބޭރުގެ އެކިއެކި ފަރާތްތަކުން ހޯދުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.