ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށްގެންދާ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، "އާބަން އައިލްސް" ގައި ބުޓީކް ހޮޓެލްތަކެއް އިމާރާތްކޮށް ހިންގަން ޝައުގުވެރިވާ ބަޔަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ މަޝްރޫއުގެ ދަށުން ހަ ބުރީގެ ތިން ބުޓީކް ހޮޓާ އިމާރާތް ކުރަން ބިން ދޫކުރާނެ ކަމަށާއި މަޝްރޫއު ހަވާލުކުރުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލް އަށް ކަމަށެވެ. މީގެ އިތުރުން އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅައިގެން އެހެން މޮޑެލް ތަކަށް ދިއުމުގެ ފުރުސަތުވެސް ދީފައިވެ އެވެ.
އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެޗްޑީސީން ބުނީ އެކަކަށް ވުރެ ގިނަ ބަޔަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ މަސައްކަތް ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.
އަދި އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި މަސައްކަތުގެ ތަޖުރިބާ، މާލީ ގާބިލުކަން އަދި އިޖުތިމާއީ ޒިންމާއަށް ކޮށްދޭނެ ކަންތައްތަކަށް ބަލާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.