ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދޭންޖެހޭ 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގެ ތަންފީޒު މައްސަލަ ބާތިލްކޮށްދިނުމަށް ދައުލަތުން ސިވިލް ކޯޓުގައި އެދިއްޖެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ހުކުމަށް ބަލައި، ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުމުގައި މިހާރު މުއްދަތު ގުނަން ފަށާނެ ތާރީހެއް ކަމަށް ބަލަންޖެހެނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީހުން ފެށިގެން މީލާދީ ހަ މަސްދުވަހުގެ މުއްދަތަށް ކަމަށެވެ.
ސިވިލް ކޯޓުގައި ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީހުން ފެށިގެން 26 ދުވަސް ފަހުން ކަމަށާއި އޭގެ ތެރެއިން ރަސްމީ މަސައްކަތު ދުވަހުގެ ގޮތުގައި ހިނގައިދިޔައީ 15 ދުވަސް ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ ހުކުމް ތަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން ގެންދާ އުސޫލުގައިވާ ގޮތުން 15 ފެބްރުއަރީ 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކިވަރެއް ދައްކަމުން ގޮސް ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި އެ މަހަކަށްޖެހޭ ވަރު އެ މަހަކު ދައްކަމުން ނުގެންދާކަން ނުވަތަ ފައިސާ ދައްކާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާ ނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ހުކުމުގައި ފައިސާ ދައްކާ ހަލާސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ސިވިލް ކޯޓުން ދީބާޖާގެ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށް ކަމަށެވެ.
އޭގެ އިތުރުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ 15 ފެބްރުއަރީ 2015ގެ ކުރިން ކޮށްފައިވާ ހުކުމެއް ކަމަށްވެފައި، އުސޫލުގައިވާ ގޮތުން އެފަދަ ހުކުމެއް ތަންފީޒުކުރުމަށް ކޯޓަށް ހުށަހަޅަންޖެހޭނީ ކަމާބެހޭ ފޯމަކުން ކަމަށާއި އެ މައްސަލައެއް ހުކުމް ތަންފީޒު ޑިވިޝަމަށް ފޮނުވުމުގެ ކުރިން ސުލްހަވެރި ހައްލެއް ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ފޮނުވާ ގޮތަށް ކަނޑައަޅާފައިވީ ނަމަވެސް، ބުނެވިދިޔަ ކަންކަން އެގޮތަށް ފުރިހަމަކޮށްފައި ނުވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ބުނީ މިމަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފައިވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ނުފެންނަ ކަމަށާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކަކީ ކޯޓުން ކުރިން ހުކުމެއް އިއްވާފައިވާ މައްސަލަތަކެއް ކަމަށްވެފައި، އެއީ ގާނޫނުއަސާސީގެ ހަވާލާދީފައިވާ މާއްދާއިން ހާސިލްކުރުމަށް ބޭނުންވާ މަގުސަދު ހިމެނޭ ޟަރޫރަތެއް އޮތް މައްސަލަތަކެއް ކަމަށް ބަލަންޖެހޭ ސަބަބެއް އޮތް މައްސަލައެއް ނޫން ކަމަށެވެ.
ސިއްރު ހިފަހައްޓަން ޖެހޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާންކުރުމަކާ ނުލައި، ސިވިލް ކޯޓުން މީޑިއާއަށް އެކަން އަންގާފައިވީ ނަމަވެސް ދީބާޖާގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ކަންހިނގައި ދިޔަ ގޮތުގެ މައުލޫމާތު އެ ކޯޓުން މީޑިއާއަށް ހާމަކުރުމަކީ، ދައުލަތުގެ މާލީ ބޮޑު މަސްލަހަތެއް ޝަމިލުވާ މައްސަލައެއްގައި، އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު އާންމުކޮށް އެންމެހައި ފަރާތްތަކަށް ލިބިދިނުމަށް ހުރަސްއެޅުން ކަމަށް ވެސް އޭޖީ އޮފީހުން ބުނެފައިވެއެވެ.