ޚަބަރު

އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ދައްވަމުންދާ ކަމަށް ބުނެ، ޕީޕީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

އަލީ އިހްސާން

އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ދައްވަމުންދާ ކަމަށް ބުނެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާ ކަމަށާއި ދިވެހިރާއްޖޭގެ އެތައް ހާސް ރައްޔިތުންނެއް ކޮންމެ ދުވަހަކު ހިދުމަތް ހޯދުމަށް ދާ ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ނުބެލެހެއްޓި ހިދުމަތްތަކުގެ ފެންވަރު ދައްވަމުންދާތީ އެޕާޓީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސިއްހީ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ހާލުދެރަ ފަރާތްތަކަށް ހިދުމަތްދޭން ބޭނުންކުރާ އިންޓެންސިވް ކެއާ ޔުނިޓު (އައިސީޔޫ)ގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވި ދިވެހި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެތަން ވެއްޓި، ހާލުދެރަ ބަލި މީހުން ތިބޭ ސަރަހައްދުގެ އޭސީތައް ހަލާކުވެފައި ހުންނަތާ އެތައް މަސްތަކެއް ވޭތުވެގެން ދިޔަ އިރުވެސް މި ކަންކަމަށް ހައްލެއް ގެނެސްފައި ނުވާތީ އެކަމާ އެ ޕާޓީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އައިޖީއެމްއެޗް ނުބެލެހެއްޓި ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައިވުމަކީ ސަރުކާރުގެ ދޯހަޅިކަން ރަމުޒުކޮށްދޭ ކަމެއް ކަމަށާއި އެކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް އެ ޕާޓީން އަދުގެ ސަރުކާރަށް ގޮވާލާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.