އިބްރާހިމް ޒަކީ
ގިނަ ތުހުމަތުތަކެއް ފާހަގަކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައި ވަނިކޮށް، އެ މައްސަލައިގައި ޓްރައިބިއުނަލްގެ އިތުރު މީހުންގެ ބަސް ހޯދުމަށް އެދި ޓްރައިބިއުނަލްގެ މުވައްޒަފުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެކަމަށް އެދި އެ ޓްރައިބިއުނަލްގައި ހިމެނޭ 20 މުވައްޒޒފުންގެ ތެރެއިން 16 މުވައްޒަފަކު ސޮއިކޮށް މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އަށް ފޮނުވާފައިވާ ސިޓީގައި ވަނީ، ޓްރައިބިއުނަލްގެ މެންބަރުންގެ ބަސް އެކަނި ހޯދައިގެން އެފަދަ ބޮޑެތި ކަންކަން ނިންމުން ރަނގަޅު ނޫން ކަމަށެވެ.
މެންބަރުންނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާ އިރު، އެއިން ބައެއް ކަންކަމަކީ ޓްރައިބިއުނަލްގެ ހަތަރު ސެކްޝަނަށް އެނގިގެން ހިނގާނެ ކަންކަން ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ސެކްޝަންތަކުގެ ހެޑުންގެ ބަހެއް އެކަމުގައި ހޯދުމަށް ވަނީ އެދިފައެވެ.
މާލިއްޔަތު ގަވާއިދާ ހިލާފަށް މުއާމަލާތްތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ އިރު، ޓްރައިބިއުނަލްގެ މާލީ ޒިންމާދާރު ވެރިޔާ ކަމަށްވާ ޓްރައިބިއުނަލްގެ އެޑްމިނިސްޓްރޭޓާގެ ބަހެއް ހޯދުމަށް ސިޓީގައި އެދިފައިވެއެވެ. އަދި މެންބަރުންގެ މަޖިލީހުގެ ޔައުމިއްޔާތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ ލީގަލް، ރިޕޯޓިން، އެންޑް ކޭސް މެނޭޖުމަންޓް ސެކްޝަންގެ ހެޑުގެ ބަހެއް ހޯދުމަށްވެސް އެދިފައިވެއެވެ.
އެސެސްމަންޓް އެންޑް އިވެލުއޭޝަން ސެކްޝަންގެ ހެޑްވެސް މައްސަލަތައް ބެލުމުގައި ބައިވެރިވާ ކަމަށާއި އެހެންކަމުން އޭނާގެ ބަހެއް ހޯދަން ވާނެ ކަމަށް ވެސް ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
މުވައްޒަފުންނާއި ސެކްޝަންތަކުގެ ހެޑުންގެ ބަހެއް ހޯދުމެއް ނެތި، ކުރެވޭ ތުހުމަތަކަށް ބިނާކޮށް ޓްރައިބިއުނަލްގެ މެންބަރުން ވަކިކުރަން ނިންމުމުން ބެކްލޮގުގައި ހުރި 40 އަށް ވުރެ ގިނަ މައްސަލަ ބަލަން ކުރަން ޖެހޭ މަސައްކަތްތައް އަލުން ތަކުރާރު ކުރަން ޖެހުމަކީ ވަރަށް ބޮޑު ބުރައެއް ކަމަށް ވެސް އެ ސިޓީގައި މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.
ޓްރައިބިއުނަލްގެ އެހެން މެންބަރުންގެ މައްސަލަތައް މަޖިލީހަށް ހުށަހެޅުއްވީ، ފަސް މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެންބަރު އިސްމާއީލް ސާޖިދެވެ.
އޭނާ ހުށަހެޅުއްވި މައްސަލަތައް ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު، އޭނަ ނޫން ދެން ތިއްބެވި މެންބަރުން މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އެރުވުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މަގާމުން ވަކިކުރަން ކޮމިޓީން ފާސް ކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފާއި މެންބަރު ހަޖީދާ ނައީމެވެ.